ކުރިއަށް އޮތް ހަފުތާގައިވެސް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި ތަޣައްޔަރުވެފައިވާ މިންވަރަށް ބަދަލެއް ނާންނާނެކަމަށާ ސިއްޙަތަށް ގެއްލުންވާ މިންވަރަށް ވައި ތަޣައްޔަރުވެފައި އޮންނާނެކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.
މިދިޔަ ހަފުތާތަކުގައި އެ ރަށުގެ ވައި ތަޣައްޔަރުވެ ސިއްޙަތަށް ނުރައްކާވާފަދަ މިންވަރަށް އެކަން ގޮސްފައިވަނީ އަވަށްޓެރި ސްޓޭޓްތަކުގައި އޮންނަ ދަނޑުބިންތައް އަދަން ފެށުމާއެކުއެވެ. މި އަލިފާންގަނޑުތަކުގެ ސަބަބުން ނިއު ދިއްލީގެ ވައި ނުސާފުވެ، ސިއްޙަތަށް ގެއްލުންވާފަދަ މިންވަރަށް ވައި ތަޣައްޔަރުވެފައިވާއިރު މިދިޔަ ހަފުތާގައި ނިއު ދިއްލީގެ ސްޓޭޓް ސަރުކާރުންވަނީ މި ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް އެ ރަށުގެ ސްކޫލުތައް ބަންދުކޮށްފައެވެ.
އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ނިއު ދިއްލީގެ ވައިގެ ތެތްކަން އިތުރުވުމުގެ ސަބަބުން އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ވައި ތަޣައްޔަރުވެފައިވާ މިންވަރު މިހާރު ދަށްކަމަށެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވައި މުޅިން ސާފުވެގެން ނުދާނެކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.
ނިއު ދިއްލީގައި މިހާރު ވަނީ ޢާންމު ސިއްޙީ ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަދި އެ ސްޓޭޓްގެ ސަރުކާރުންވަނީ އެ ރަށުގައި ޢިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓާލުމަށް ޢަމުރުކޮށްފައެވެ.