ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަމާޒު މެޑަލްއަކަށް


އޭވީސީ ސީނިއާ އަންހެން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަމާޒަކީ މެޑަލެއް ހޯދުންކަމަށް އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗް އަޙްމަދު ޢަދީލް (ބޭބެ) ބުނެފިއެވެ.

މިމުބާރާތަށް ތައްޔާރުވުމަށް ޓްރެއިނިންގ ކޭމްޕެއް ނުބޭއްވުނުކަމުގައިވިޔަސް ސާބިއާގެ ކޯޗުންނާއެކު ކުރިއަށްގެންދާ ފަރިތަކުރުންތަށް ވަރަށް ކާމިޔާބުކަމަށް ޢަދީލް ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގައި ފަށާ މުބާރާތަށް އަންހެނުންގެ ޤައުމީ ޓީމުން އަންނަނީ ސާބިއާގެ ތަޖުރިބާކާރު ދެ ކޯޗުންނާއެކު މާލޭގައި އެންމެ ފަހުގެ ތައްޔާރީތަށްވަމުންނެވެ. ޓީމުގެ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ މުބާރާތުގެ ކުރިން އަވައްޓެރި ސްރީލަންކާގައި ކޭމްޕްކުރުމަށެވެ.

ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތުދެމުން ޓީމުގެ ކޯޗް ޢަދީލް ބުނީ، ކޭމްޕުގެ ފުރުސަތު ނުލިބުމުން ހަމަކަނި ގެއްލިގެންދިޔައީ ވަރުގަދަ މެޗުތަކެއް ކަމަށްވެސް ޢަދީލް ބުންޏެވެ. ނަމަވެސް މިހާރު ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ސާބިއާގެ ކޯޗުންގެ ފަރާތުން ވަރަށް ފުރިހަމަ ޓްރެއިނިންތަކެއް ކުޅުންތެރިންނަށް ލިބޭކަން ޢަދީލް ފާހަގަކުރިއެވެ.

"އެންމެ ފުރަތަމަ މަސައްކަތްކުރީ ޓްރެއިނިންގ ކޭމްޕެއް ލަންކާގައި ކުރިއަށްގެންދަން، އެކަމު ވޮލީގަ މި ދިމާވެގެން އުޅޭ ކަންތައްގަނޑުގެ ސަބަބުން އެންމެ ލާސްޓް މިނެޓުގަ ބައެއް ކަންކަން ހަމަނުޖެހުނީ، އޭގެ ބަދަލު މާލޭގަ ސާބިއާ ކޯޗުންނާއެކު ވަރަށް ޕްރޮޑަކްޓިވް ފަރިތަކުރުންތަކެއް މި ކޮށްލެވުނީ" ޢަދީލް ބުންޏެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ބަންގްލަދޭޝް، ނޭޕާލް، އަފްޣާނިސްތާން، އަދި ކިރިގިސްތާނެވެ. ރާއްޖޭގެ ޓީމް ވާދަކުރާ ޓިމުތަކާބެހޭގޮތުން ކޯޗް ޢަދީލް ބުނީ، މިމުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކިއްޖެނަމަ، އެނބުރި ރާއްޖެ އަންނާނީ މެޑަލަކާއެކުކަމަށާ، މަސައްކަތް ކުރެވިއްޖެނަމަ ބަލި ނުކުރެވޭނެ ޓީމެއް ނެތްކަމަށް ކޯޗް ޢަދީލް ބުންޏެވެ.

"ފޭވަރިޓުންނަށް މިފަހަރު ވާނީ ކިރުގިސްތާނާ ނޭޕާލް. އެކަމު ރާއްޖެއަށް ފައިޓެއް ނުދެވޭނެ ވަރުގެ ޓީމެއް ނެތް، އެހެންވީމަ ރަނގަޅު ކުޅުމެއް ދެއްކިއްޖެނަމަ މެޑަލްއެއް ހިފައިގެން ރާއްޖެ އަންނާނީ" ކޯޗް އަދީލް ބުންޏެވެ.

މިމުބާރާތުގައި ވާދަކުރުމަށް ޓީމް ބަންގްލަދޭޝަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.