ޚަބަރު

2020 ވަނަ އަހަރުގެ ބަޖެޓް: ކުރީގެ އެމްއީއެސް ހުރި ތަނުގައި ސްކޫލެއް އެޅުމަށް 20.2މިލިޔަން ރުފިޔާ


ކުރީގެ އެމްއީއެސް އިމާރާތުގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް ޤާއިމްކޮށް ޚިދުމަތް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފިއެވެ.

ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި 750 ދަރިވަރުންގެ ޖާގައިގެ ސްކޫލަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ހުރި އިމާރާތް އިތުރަށް މަރާމާތުކޮށް ކިޔަވައިދިނުމުގެ ވަޞީލަތްތައްތައް ޤާއިމްކޮށް ޓީޗަރުންނެގުމަށް 20.2 މިލިޔަން ރުފިޔާ 2020 ވަނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ.

ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައި ޤައުމީ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތަކުގައި ކިޔަވައިދޭ ކޯސްތައް ހިންގަމުން ދަނިކޮށް، އެތަން ހުސްކުރަން މިދިޔަ މަހުގެ ތެރޭގައި ވަނީ އަންގާފައެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި މިހާރުވެސް ވަނީ ދެ ސްކޫލެއް އެޅުމަށް ނިންމާފައެވެ. އެއީ ވިލާކޮލެޖް ކުރިމަތީގައި އޮންނަ ހުސްބިމުގައި އެޅުމަށް ނިންމާފައިވާ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ ސްކޫލެވެ. އެގޮތުން ދަރުމަވަންތަ ސްކޫލް އެޅުމަށް 65 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ހުޅުމާލޭގައި އިމާރާތްކުރާ ސްކޫލަށް 54 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް ދަރުމަވަންތަ އާއި މަޖީދިއްޔާ ހެދުމަށްޓަކައި މަޖީދިއްޔާއާ އިންވެގެން އޮތް ދަރުމަވަންތަ ސްކޫލް ކުރިން ހުރި ބިމުގައި ދެން ހެދުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށް ކިޔަވައިދޭން މަޖީދިއްޔާއަށް ބޭނުންވާ ކްލާސްރޫމްތައް ހެދުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަޒީފާ ލިބުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ތައުލީމާއި ގުޅޭ ވަސީލަތްތައް އިތުރުކުރުމަށްޓައި ޕީއެސްއައިޕީ ބަޖެޓުގައި 543.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އެއީ ޖުމުލަ ޕީއެސްއައިޕީގެ 5.3 އިންސައްތައެވެ.