ޚަބަރު

އެންއައިސީއަށް ކާނަލް ޖިހާދު އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި


ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް ކާނަލް ރިޓަޔާޓް އަޙްމަދު ޖިހާދު ޢައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ މެމްބަރުކަށް ކާނަލް ރިޓަޔާޓް އަޙްމަދު ޖިހާދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ މިއަދު ނެގުނު ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 78 މެންބަރުންގެ ވޯޓާއެކުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންނާއި ކުރެއްވި އިންޓަރވިއުއަށްފަހު ހައްވާ ލީޝާ ފިޔަވައި ދެންތިއްބެވި 3 ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެކޮމިޝަނުގެ ރައީސްކަން ކުރެއްވި މެމްބަރު މުޙައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ.

އެކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 26 މީހަކު ވަނީ ކުރިމަތިލާފައެވެ. ނަމަވެސް މިނަންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށްވުމުން އެންއައިސީއަށް އަލުން ކުރިމަތިލާން ހުޅުވާލައި 19ވަނަ މަޖިލީހަށް ހުށަހެޅުއްވުމަށް މަޖިލީހުން ވަނީ ލަފާއަރުވާފައެވެ. މިއާއެކު މިމަޤާމަށް އަލުން ހުޅުވާލީ ޖުލައި މަހުގެ 29ވަނަ ދުވަހުއެވެ.