ޚަބަރު

ރައީސުލްޖުމްހޫރިއްޔާއާއި ދިވެހިރައްޔިތުންގެ ކިބައިން ހައިލަމް މަޢާފަށް އެދިއްޖެ


ކްރިމިނަލް ކޯޓްގެ ވައިބަރ ގްރޫޕަކަށް 3 ނޮވެމްބަރުގެ ތަހުނިޔާ ކިޔައި ފޮނުވި ފޮޓޯއާއި ގުޅިގެން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަޙްމަދު ހައިލަމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި، މަޖިލީހުގެ ރައީސްގެ އިތުރުން ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.

ކްރިމިނަލް ކޯޓްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މިބަޔާނުގައި ހައިލަމް ވިދާޅުވީ 3 ނޮވެންބަރު 2019 ވަނަ ދުވަހު ވައިބަރ ގްރޫޕުގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ލާފައިވާ ފޮޓޯ އެ ގުރޫޕަށް ލާފައިވަނީ އެ ފޮޓޯގައި ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީ ހުރިކަން އެނގުމުންކަމަށެވެ. އަދި އެފޮޓޯގައި ދެން ތިބި ފަރާތްތަކަކީ ކޮންބައެއްތޯ ބަލައިނުލާކަމަށެވެ.

"ވައިބަރ ގުރޫޕަށް އަޅުގަނޑު އެފޮޓޯ ވީއިރު އެފޮޓޯގައިވާ ކުރެހުމުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އަޅުގަނޑަށް އެނގިފައި ނުވެއެވެ. އެފޮޓޯގައިވާ އެފަދަ ކުރެހުމެއް ހުރެދާނެކަމަކަށް އަޅުގަނޑަށް ވިސްނާލެވިފައެއްވެސް ނުވެއެވެ. އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ." ހައިލަމް ވިދާޅުވިއެވެ.

ފޮޓޯ ޝެއަރ ކުރި ވައިބަރ ގްރޫޕްއަކީ ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ޕްރައިވެޓް ގްރޫޕެއްނަމަވެސް،
އެފޮޓޯ ޝެއަރކޮށްފައިވަނީ ސޯޝަލް މީޑިއާގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުންކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތައް ވަކިން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އޭނާ ބަލަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެމައްސަލާގައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ހައިލަމްވަނީ ފާޅުކުރައްވާފައެވެ.

"އެފަރާތްތަކުގެ ޢަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަމުންދާ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ޢަމަލުތަކެއްކަމުގައިވީނަމަވެސް، އަޅުގަނޑުގެ މަޤާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި މަސައްކަތްކޮށްފައިނުވާނެކަމާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް މިފުރުސަތުގައި އަރުވަމެވެ." ހައިލަމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕަކަށް ހައިލަމްލާފައިވާ ފޯޓޯގެ މައްސަލާގައި އޭނާއާމެދު ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީންވަނީ ނިންމާފައެވެ.