ކުޅިވަރު

ޒުވާން ކުޅުންތެރިންނަށް ބޭނުންވަނީ ޕްރެޝަރު މެޗުތަކުގައި ކުޅުމުގެ ކޮންފިޑެންސް: ސެގާޓް


ރާއްޖޭގެ ޒުވާން ޤައުމީ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންނަށް ބޭނުންވަނީ ޕްރެޝަރު މެޗުތަކުގައި ކުޅުމުގެ ކޮންފިޑެންސްކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ކޮލިފައިންގައި ފިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ތައްޔާރުވުމަށް ޤައުމީ ޓީމް އަންނަނީ މެލޭޝިޔާގައި ތަމްރީން ހަދަމުންނެވެ. ޤައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނީ ޓީމުގައި ޒުވާން ކުޅުންތެރިން ހިމެނުމަކީ އޭނާ އަބަދުވެސް އިސްކަންދޭކަމެއްކަމަށާއި، ޒުވާން ކުޅުންތެރިންނަށް ބޭނުންވަނީ ކޮންފިޑެންސްކަމަށެވެ. ޕްރެޝަރު މެޗުތަކުގައި ފުރުސަތުދީ އެ ކުޅުންތެރިންނަށް އޭނާ އިތުބާރުކުރާކަން ދެއްކުމުން ކުޅުންތެރިންގެ ފަރާތުންވެސް ތަފާތު ފެންނަމުން އަންނަކަމަށް ކޯޗު ބުންޏެވެ.

އެވަރެޖް އުމުރު 24 އަހަރުގައި އޮތް ޓީމް ގޮވައިގެން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކޯޗު ބުނީ ޓީމްގައި ތިބ ސީނިއަރ ކުޅުންތެރިންގެ ފެންވަރު އޭނާއަށް އިނގޭކަމަށާއި، ފުރުސަތު ދިނުމުން އެ ކުޅުންތެރިންގެ މޮޅު ކުޅުން ދައްކާނެކަމުގެ ޔަގީންކަންވެސް އޮންނަކަމަށެވެ. އެހެނަންނަމަވެސް ހަމަހަމަ ފުރުސަތެއް ޒުވާން ކުޅުންތެރިންނަށްވެސް ދޭން ބޭނުންވާކަމަށް ކޯޗު ބުންޏެވެ.

ކޯޗު ސެގާޓް ބުނީ ކޮންމެ ކުޅުންތެރިއަކުވެސް އޭނާއަށް މުހިންމުކަމަށާއި ލަނޑު ޖަހާ ކުޅުންތެރިޔާއަށްވުރެ މުޅި ޓީމް ހޯދާ ކާމިޔާބީ އޭނާއަށް މުހިންމުކަމަށެވެ. އޭނާ ބުނީ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ވެސް ޒިންމާއެއް އޮންނާނެ ކަމަށާއި ދުވަސްވީ ކުޅުންތެރިން ވިޔަސް، ޒުވާން ކުޅުންތެރިން ވިޔަސް، މި ޓީމުން ހުރިހާ މަސައްކަތެއް ކުރާނީ އެކުގައިކަމަށެވެ.

""ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން އަހަރެން ފުރުސަތުދިން ކުޅުންތެރިންގެ މަސައްކަތާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އެ މީހުން ދަނީ. ހަގީގަތަކީ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިއަކަށް ވަރަށް ފަސޭހަވާނެ އައިސް ކުޅެލަން. އެކަމަކު ޒުވާން ކުޅުންތެރިން ޖެހޭނެ ސެލްފް ކޮންފިޑެންސް ބިލްޑް ކުރަން. އެ މަސައްކަތުގައި ޒުވާން ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުން،" ސެގާޓް ބުންޏެވެ.