ސިއްހަތު

ޑެންގީ ހުން ޖެހިގެން މާބަނޑު އަންހެނަކު ނިޔާވެއްޖެ


ޑެންގީ ހުން ޖެހިގެން މާބަނޑު
އަންހެނަކު ނިޔާވެއްޖެއެވެ.



ހެލްތް ޕްރޮޓެކްޝަން
އެޖެންސީން ޕީއެސްއެމަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ ރޭ ދަންވަރު ދެގަޑި
ތިރީސްހާއިރު ނިޔާވެފައިވަނީ 18 އަހަރުގެ މާބަނޑު އަންހެނެއްކަމަށެވެ. މި މީހާ
ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށްކަމަށްވެސް އެ އެޖެންސީން
ހާމަކުރައްވައެވެ. އައިޖީއެމްއެޗުން މަޢްލޫމާތު ދިން ގޮތުގައި ނ. މާޅެންދޫއަށް
ނިސްބަތްވާ މިމީހާ ނިޔާވީ ޙާލު ސީރިއަސްވެގެން ރޭ އައިސީޔޫގައި އެޑްމިޓްކޮށްފައިވަނިކޮށެވެ.
އޭނާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާއި
ނިޔާވިއިރު ބަނޑަށް ބާރަހަފްތާ ކަމަށްވެސް އައިޖީއެމްއެޗުންބުނެއެވެ. ޑެންގީ
ހުންޖެހިގެން މީގެ ކުރިން ބިދޭސިއަކުވެސް ވަނީ މަރުވެފައެވެ.



ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން އިތުރުވަމުންދާތީ އެކަން
ކޮންޓްރޯލް ކުރުމަށާއި، ޑެންގީހުމަށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ހެލްތް
މިނިސްޓްރީންވަނީ ޓާސްކްފޯހެއް އެކުލަވާލައްވާފައެވެ.



ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި ކޮންޓްރޯލްކޮށް މަދިރި އާލާވުން
މަދުކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތްތަކުންވެސް
މަދިރި އުފެދޭގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ހެލްތް މިނިސްޓަރ ވަނީ
އެދިވަޑައިގެންފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މައުލޫމާތުދެއްވާގޮތުގައި
މިއަހަރުގެ މިހާތަނަށް 300 އަށްވުރެ ގިނަ މީހުންނަށްވަނީ
ޑެންގީހުން ޖެހިފައެވެ.



އެހެން އަހަރުތަކާ އަޅާބަލާއިރު ކަންބޮޑުވާ މިންވަރަށް މިދުވަސްވަރު
ޑެންގީހުން ފެތުރެމުންދާ ކަމަށް ހެލްތްމިނިސްޓްރީން ވިދާޅުވެއެވެ.