ޚަބަރު

ޑީޖޭއޭއިން މަސަައްކަތް ކުރަނީ ޝަރުއީ ދާއިރާ ޕެރަލައިޒް ކުރަން: އުއްތަމަ ފަނޑިޔާރު


ކޯޓުގެ ދުސްތޫރީ އަދި ޤާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ)އިން ކުރައްމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައިވަނީ ޑީޖޭއޭ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނެރުއްވި ނޫސް ބަޔާނެއްގައި އެވެ. އެ ބަޔާނުގައި ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމަކީ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައިވެއެވެ.

ޑީޖޭއޭ އިން ގެންދަނީ ޤާނޫނުއަސާސީގެ ބާރު ކެނޑޭ ގޮތަށް، ޝަރުޢީ ކޯޓުތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތި ކުރުމުގެ ބީދައިން އަމަލު ކުރަމުން ކަމުގައިވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވއެވެ.

ޑީޖޭއޭ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ބަދަލު ކުރެވިފައި ވީނަމަވެސް، ޑީޖޭއޭ އާ ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ޢާއްމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ކަމަށާއި އެ ޤާނޫނުގެ ދަށުންވެސް ޑީޖޭއޭ އަށް ޝަރުއީ ކޯޓުތަކުގެ އެތެރޭގެ އިދާރީ ނިޒާމުގެ ކަންކަމާ ބެހުމުގެ އެއްވެސް ބާރެއް ލިބިދީފައެއް ނުވާ ކަމަށް މި ބަޔާނުގައިއުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

" ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަ ފަނޑިޔާރުގެ ބާރެއް ނުހިނގާނޭ ގޮތަށް ނިޒާމު ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނާނޭ ގޮތަށް ހެދުން ފަދަ ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް ބާރެއް ނޯންނާނޭ ގޮތް ހެދުން ފަދަ ކަމެކެވެ. އެހެންކަމުން، މިފަދައިން ޢަމަލު ކުރަމުން ގެންދިޔުމަކީ އެކަމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ބާރު ކެނޑި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން އެ ކޯޓަށް ދީފައިވާ ޙައިޘިއްޔަތާއި ދައުރު ނިގުޅައިގަނެ، މުޅި ޝަރުޢީ ދާއިރާ އާއި ޝަރުއީ ކޯޓުތައް ނިކަމެތި ކޮށް، ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާ ކުރުމަށް ދަތި ކޮށް، ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ މުޅި ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ ގޮތުން ހިންގޭ ޣައިރު ޤާނޫނީ އަދި ޣައިރު ދުސްތޫރީ ޢަމަލުތަކެއް ކަމުގައި މެނުވީ ބެލެވޭނެ ތަނެއް ނެތެވެ." އުއްތަމަ ފަނޑިޔާރުގެ އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ ނިޒާމު ޕެރަލައިޒްކޮށް، ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފިނަމަ ފަނޑިޔާރުންނާ މެދުގައި ފިޔަވަޅު އަޅާނޭ ކަމުގައި ބުނެ ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ޙަމަލާއެއް ކަމުގައި މެނުވީ ބެލެވޭނެ ޖާގައެއް ނެތް ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ޝަރުޢީ ކޯޓުތަކަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން، ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިނގާ ތަންތަން ކަމުގައި ހެދޭނޭ އެއްވެސް ގޮތެއް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި އެ ޤާނޫނުއަސާސީން އެކަށައަޅާ ޤާނޫނުގެ ޙުކުމް ދެމިއޮތްހައި ހިނދަކު ނޯންނާނެއެވެ،" އެ ބަޔާނުގައި ވިދާޅުވެފައި އެވެ.

އުއްތަމަ ފަނޑިޔާރުގެ މި މޭރުން ބަޔާނެއް ނެރުއްވާފައި ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލު ނުކުރުމަށާއި އެއިސްލާޙުގެ ބާރު ކެނޑޭގޮތަށް ނުވަތަ އެ އިސްލާހް ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމަކުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމިކަން އިއުލާންކޮށްފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭ ޖުޑީޝަލް ކައުންސިލުން ވަނީ މދިޔަ ހުކުރު ދުވަހުގެރޭ ކޯޓް ހުޅުވައިގެން ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމަށް ވަޑައިގަތުމަށް ކައުންސިލްގެ ބައެއް މެމްބަރުން ދައުވަތުދީފައެއްނުވެއެވެ. އަދި މި ބައްދަލުވުން ސުޕްރީމްކޯޓްގައި ބާއްވާފައިވަނީ އެކޯޓްގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ހުންނަވާ ކޯޓްގެ ސެކެރެޓަރީ ޖެނެރަލަށްވެސް އެންގުމެތްނެތިކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.