ޚަބަރު

ހޮންގްކޮންގްގައި މުޒާހަރާކުރަމުންދާ ފަރާތްތަކުން ޗައިނާއާ ގުޅުން ހުރި ޢިމާރާތްތަކާ ތަންތަނަށް ގެއްލުންތައް ދީފި


ހޮންގްކޮންގްގައި އެ ރަށުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ ފަރާތްތަކުން މި ހަފުތާ ބަންދުގައި ހިންގި ހަމަނުޖެހުންތަކުގައި ހޮންގްކޮންގްގައި ހުންނަ ޗައިނާއާ ގުޅުން ހުރި ޢިމާރާތްތަކާ ތަންތަނަށް ބޮޑެތި ގެއްލުންތައްދީ ހަދައިފިއެވެ.

މިގޮތުން ހޮންގްކޮންގްގައި ހުންނަ ޗައިނާއާ ގުޅުން ހުރި ބޭންކްތަކާ ފިހާރަތަކުގެ އިތުރުން އެހެން ޢިމާރާތްތަކަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ޙަމަލާތައްދީ ހަދާފައެވެ. މި ޙަމަލާތަކުގައި އެންމެ ބޮޑު ގެއްލުންތައް ލިބުނު ޢިމާރާތުގެ ތެރޭގައި ޗައިނާގެ ދަޢުލަތުގެ މީޑިއާ ޝިންހުއާއިން ހޮންގްކޮންގްގައި ހިންގާ އޮފީސް ހުންނަ ޢިމާރާތް ހިމެނެއެވެ.

ހޮނިހިރު ދުވަހު ޝިންހުއާގެ އޮފީހަށް ޢަމާޒުކޮށް ދިން ޙަމަލާތަކުގައި ޕެޓްރޯލް ބޮންތައް ބޭނުންކޮށްފައިވާއިރު މި ޙަމަލާތަކުގައި އެ އޮފީހުންގެ ގޭޓް މުޅިން ހަލާކުވެފައިވާކަމަށް ރޮއިޓާސްއިންވަނީ ރިޕޯޓުކޮށްފައެވެ. ޝިންހުއާގެ އިތުރުން ހޮންގްކޮންގްގައި ހުންނަ ބޭންކް އޮފް ޗައިނާގެ ޢިމާރާތަށްވެސް މުޒާހަރާގެ ބައިވެރިންވަނީ ބޮޑެތި ގެއްލުންތައްދީ ހަދާފައެވެ.

ހަފުތާ ބަންދުގައި ހޮންގްކޮންގްގައި ހުންނަ ޗައިނާއާ ގުޅުން ހުރި ޢިމާރާތްތަކާ ތަންތަނަށް ދިން ގެއްލުންތަކަށްފަހު ޗައިނާގެ ދަޢުލަތުގެ މީޑިއާއިންވަނީ މުޒާހަރާގެ ބައިވެރިންގެ ޙަރަކާތްތައް ކޮންޓްރޯލްކުރުމުގައި ހޮންގްކޮންގްގެ ކަމާބެހޭ ފަރާތްތަކުން އިތުރު ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. މިގޮތުން، ޗައިނާގެ ސަރުކާރުން އެއްބާރުލުމާއެކު ނެރޭ ޗައިނާ ޑެއިލީ ދުވަހު ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިންދޭ މިފަދަ ޙަމަލާތައް ކާމިޔާބު ވެގެންނުދާނެކަމަށާ މިފަދަ ކަންކަމާދެކޮޅަށް ޤާނޫނީ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަށެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ހޮންގްކޮންގްގައި ކުރަމުންދާ މުޒާހަރާތައް ފެށިގެން އައި ހޮންގްކޮންގްގައި ކުށްކުރާ މީހުންގެ ޝަރީޢަތް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތްކުރުމާއެކުއެވެ. އެހެންނަމަވެސް، އޭގެފަހުން ހޮންގްކޮންގްގެ ސަރުކާރުން އެ ބިލް އަނބުރާ ގެންދިޔަ ނަމަވެސް ހޮންގްކޮންގްގައި ޑިމޮކްރަސީގެ ސަރުކާރެއް އުފެއްދުމަށް ގޮވާލާ އެ ރަށުގައި އަދިވެސް ދަނީ މުޒާހަރާތައް ބާއްވަމުންނެވެ.