ސިޔާސީ

ނޫމަޑިއަށް ބަދަލުދޭންޖެހުނީ މިނިސްޓްރީގެ ވަކިބަޔަކު އެ އަމާޒަށް މަސައްކަތްކުރުމުން - މުޢިއްޒު


ނޫމަޑި ކުންފުންޏަށް ބޮޑު ބަދަލެއް ދައުލަތުން ދޭންޖެހުނީ ކުރީ ސަރުކާރާއި މިސަރުކާރުގައި ހައުސިން މިނިސްޓްރީގައި މަސައްކަތްކުރާ ބަޔަކު އެ އަމާޒަށް ގަސްދުގައި ގެންދިއުމަށް ކުރި މަސައްކަތުގެ ސަބަބުންކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫމަޑިއާއެކު ކުރީގެ ރައީސް މުޙައްމަދު ވަހީދު ސަރުކާރާއި ކުރީގެ ރައީސް ނަޝިދުގެ ސަރުކާރުގައި ހައުސިން ޔުނިޓްތަކެއް އެކިރަށްރަށުގައި އެޅުމަށް ހެދި އެއްބަސްވުން ބާޠިލްކުރުމުން ސަރުކާރުން ވަނީ ކޯޓުން ބޭރުން އެ މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން ޑޮލަރު ބަދަލެއް ދީފައެވެ.

ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި ދެ ފޭސްގެ މަތިން 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރުވަނީ ހުށަހަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ.

ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ އެގްރިމަންޓް އޮތީ ދައުލަތަށް އެންމެ ފައިދާވާގޮތަށް ނޫންކަމަށެވެ. ނޫމަޑި އެގްރިމަންޓްތައް ބާޠިލްކުރި މައްސަލަތައް އާބިޓްރޭޝަން މަރުހަލާއަށް ދިޔަނަމަ ކުޑަ ބަދަލެއްދީގެން ދައުލަތަށް ކާމިޔާބުކުރެވުނީސްކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު މިހެން ވިދާޅުވިއިރު، ސަރުކާރުން ވިދާޅުވެފައިވަނީ ނޫމަޑިއަށް ދައުލަތުން ބަދަލުދޭންޖެހުނީ އާބިޓްރޭޝަނަށް ޑރ.މުޢިއްޒު ދެއްވި ބަޔާނާއި ގުޅިގެންކަމަށެވެ. އަދި އާބިޓްރޭޝަނަށް ދިޔަނަމަ ދައުލަތުން 200 މިލިއަން ޑޮލަރު ދޭންޖެހުނީސްކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ ފޭސްތައް އެގްރިމަންޓް ބާތިލްކުރީ މަޝްރޫޢު ލަސްވުމުގެ ސަބަބުންކަމަށެވެ. ނަމަވެސް ހައުސިން މަޝްރޫޢު ނިންމަންދިން މުއްދަތު ހަމަނުވާކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ނޫމަޑިއާއި ހަވާލުކޮށްފައިވާ މަޝްރޫޢު ކުރިއަށް ގެންދިޔައީ ހައުސިން މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓުންކަމަށް މުޢިއްޒު ވިދާޅުވުމުން މެންބަރުން ވަނީ އެ ޑިޕާޓްމަންޓާއި ހަވާލުވެ ހުރި ބޭފުޅުންގެ ނަންތައް ހާމަކުރުމަށް އެދިވަޑައިގެންފައެވެ. މުޢިއްޒު ވިދާޅުވީ އެކި ސިޔާސީ ބޭފުޅުން އެ ޑިޕަޓްމަންޓް ހިންގުމުގައި ތިއްބެވިކަމަށާއި، އެގޮތުން ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދުފާއިޒާއި، ހަސަން ރަޝީދު އަދި އިބްރާހީމް ނަޒީމްކަމަށެވެ.

ދެ ފޭސްއަކަށް ބަހާލައިގެން ނޫމަޑިއާއެކެ ހައުސިންގ މަޝްރޫޢު އެޅުމަށް ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތެރެއިން ބަދަލުގެ ބޮޑު ބައެއް ނިސްބަތްވަނީ ދެވަނަ އެއްބަސްވުމުގެ ދަށުން ރިސޯޓް ތަރައްޤީކުރުމަށްދިން ދިއްފުށީމާދޫގެ އަގަށްކަމަށެވެ. މުޢިއްޒު ވަނީ ހައުސިން މިނިސްޓްރީގެ ވަކި ބަޔަކު މަސައްކަތްކުރެއްވީ ނޫމަޑިއަށް ފައިދާވާގޮތަށްކަމަށް ތުހުމަތުކުރައްވާފައެވެ.

"އާބިޓްރޭޝަނަށް ދިޔަނަމަ ސަރުކާރަށް ވިންވާނެ. ސަރުކާރަށް ވިން ވެގެން ވަރަށް މިނިމަލް އެމައުންޓަކުން ނިންމޭނެ ކަމެއްމީ. އެހެންނަމަވެސް އާބިޓްރޭޝަނަށްގޮސް އާބިޓްރޭޝަން ބޭރުން ސެޓްލްމަންޓަށްދާން އެ ޑިރެކްޝަނަށް ފޭށުނީއްސުރެން އޮތީގޮސްފައި. އޭގެ އެއްކަމަކީ ކުރީގަ ރައީސް ޔާމީން ސަރުކާރުގަ ނުދީހުރި ބަޔާންތަކެއް މިހާރުވެސް މިސަރުކާރުގައި މަސައްކަތްކުރާ ބަޔަކު އެބަހުރިދީފަ. އަޅުގަނޑުމެން އިރުގަ އޭރުވެސް މަސައްކަތްކުރި މިހާރުވެސް މަސައްކަތްކުރި ބައެއް ބޭފުޅުން އެބަހުރި ބަޔާންދެއްވާފައި." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ބަދަލުގެ ބޮޑު ބައެއް ނިސްބަތްވަނީ ނޫމަޑިއާ އެކު ސޮއިކުރި ދެވަނަ އެއްބަސްވުމުގެ ދަށުން ރިސޯޓް ތަރައްގީކުރަން ދިން ދިއްފުށިމާދޫގެ އަގަށެވެ. އެކަމަކު ދިއްފުށިމާދޫ އަގުކުރުމުގައި ވެސް ހައުސިން މިނިސްޓްރީގެ "އެ ބޭފުޅަކު" މަސައްކަތްކުރެއްވީ ނޫމަޑިއަށް ފައިދާވާނެ ގޮތަށް ކަމަށް، މުއިއްޒު ތުހުމަތުކުރެއްވިއެވެ.