ދީން

ރަމަޟާންމަހުގެ ޝިޔާރު ހެޔޮގޮތުގައި ބޭނުންކުރުމަށް ގޮވާލައިފި


ރަމަޟާންމަހުގެ ޝިޔާރު ބޭނުންކޮށްގެން ތަފާތު ދީނާއި ޚިލާފް ކަންތައް ކުރާތަން ފެންނަމުންދާކަމަށާއި، އެކަމުގެ ސަބަބުން ދީންވަންތަކަމަށް ނުރަނގަޅު އަސަރުކޮށް، އުޅުމާއި ގުޅުމަށް ބުރޫއަރަމުންދާކަމަށް އިސްލާމިކް މިނިސްޓަރގެ ނާއިބު ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ، ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.ރޭ ދީނީ ދަރުސް ދެއްވާފައިވަނީ " ރަމަޞާން މަސް އަހަރެމެން އެއްބައިވަންތަ ކުރުވައޭ" މިމައުޟޫއަށެވެ.ރޭގެ ދަރުސްގައި، އިސްލާމިކް މިނިސްޓަރގެ ނާއިބު  އައްޝައިޙް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ރަމަޟާންމަހު އެކުވެރިކަން ބަދަހި ކުރުމުގެ ނަމުގައި ކަންކަން ކުރާއިރު، ރަމަޟާންމަހުގެ ޝިޔާރުކަމަށްވާ "ރަމަޟާން މުބާރަކް، ރަމަޟާން ކަރީމް" ފަދަ ޝިޔާރު ބޭނުންކޮށްގެން ދީނާ ޚިލާފް ކަންކަން ކުރާތަން ފެންނަމުންދާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މަސްލަހަތަށާއި، އަޚްލާގަށް ނުބައި އަސަރުކުރުވާކަން ފާހަގަކުރައްވާ، އެކަންކަން ބަދަލުކުރުމަށް އެދިވަޑައިގެންނެވިއެވެ.ޝައިހް މުހައްމަދު ރަޝީދު ވިދާޅުވީ، ރަމަޟާން މަސް މިބައްދަލުކުރަނީ، ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ބަދަލުކޮށް، ދަސްކުރުމަށްކަމަށެވެ. އެގޮތުން ޖަމާތަށް ނަމާދަށް ދިއުމަކީ އެކަކު އަނެކަކާ ބައްދަލުވެ  އެއްބަނޑު އެއްބައިވަންތަކަން އާލާ ކުރުވާކަމެއްކަމަށާއި، އެއީ ނިކަމެތިންނަށް އެހީތެރިވުމަށް ލިބޭ ފުރުސަތެއްކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން އަވަށްޓެރިންނަށް ރޯދަ ވީއްލުމަށް ދައުވަތުދީ، އިޝާނަމާދަށް ފަހު ތަރާވީޙް ނަމާދު ކޮށް، އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުކޮށް ހެދުމުން ލިބޭ ފައިދާއާއި، ޘަވާބުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ. އަދި ރަމަޟާން މަހަކީ އިސްލާހުވުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކުރައްވާ ޝައިޙް މުހައްމަދު ރަޝީދު ވިދާޅުވީ، ރޯދައަށް ހުރުމަކީ، އެއްބަޔަކު އަނެއްބައެއްގެ ހާލަތު ދެނެގަނެވި، ކާބޯ ތަކެތި ނުލިބި ތިބި މީހުންގެ ހާލަތު ހިތަށް ވަދެގެންދާ ކަމެއްކަމަށެވެ. އެކަމުގެ ސަބަބުން އެއްބައިވަންތަކަން އާލާވެ، އާރޯކަން ހިތަށް ވަދެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.މީގެ އިތުރުން ރަމަޟާން މަހު އެއްބަޔަކު އަނެއްބަޔަކަށް އިޚްތިރާމްކޮށް ލޯބިދޭންޖެހޭނެކަމަށާއި، އެއްބަޔަކު އަނެއްބަޔަކަށް ހިތްހަމަ ނުޖެހޭ ކަންތައްކޮށް، އަޑުއުފުލާ އަރާރުންވުމުން ރޯދަ، ރޯދައަކަށް ނުވާނެކަމަށް ޝައިޙް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.