ޚަބަރު

އަލްޖަޒާއިރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި 5 ބޭފުޅަކު ވާދަކުރައްވާނެ: އިންތިޚާބީ މަރުކަޒު


އަންނަ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހު އަލްޖަޒާއިރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ފަސް ބޭފުޅަކު ވާދަކުރައްވާނެކަމަށް އެ ޤައުމުގެ އިންތިޚާބުތަކާބެހޭ މުސްތަޤިއްލު އިދާރާއިން ބުނެފިއެވެ.

އިންތިޚާބުތަކާބެހޭ މުސްތަޤިއްލު އިދާރާގެ ވެރިޔާ މުހައްމަދު ޝަރަފީ ވިދާޅުވީ ރިޔާސީ ކެނޑިޑޭޓްކަން ހޯދުމަށް ތޭވީސް ބޭފުޅަކު ފޯމު ހުށަހެޅުއްވި ނަމަވެސް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އޭގެތެރެއިން ގިނަ ބޭފުޅުންނަށް ކެނޑިޑޭޓްކަން ލިބިފައިނުވާކަމަށެވެ. ހުރިހާކަމެއް ފުރިހަމަވެގެން ކެނޑިޑޭޓްކަން ލިބިވަޑައިގަތީ ފަސް ބޭފުޅަކަށްކަމަށާ އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ދެ ބޮޑުވަޒީރުންނާއި ދެ ވަޒީރުންގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ވެރިއެއްކަމަށް ޝަރަފީ ވިދާޅުވިއެވެ.

އަލްޖަޒާއިރުގެ ކުރީގެ ރައީސް އަބްދުލްއަޒީޒް ބޫތަފްލިކާ ރިޔާސީ ދައުރު ފުރިހަމަ ނުކުރައްވާ މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު މަޤާމުން އިސްތިޢުފާދެއްވީ އޭނާގެ ސިއްޙީ ޙާލުކޮޅު ދަށަށް ދިޔުމުގެ ސަބަބުންނާއި އޭނާގެ ވެރިކަމާ ދެކޮޅަށް ހުއްޓުމެއްނެތި ރައްޔިތުންކުރި މުޒާހަރާތަކާ ގުޅިގެންނެވެ. ބޫތަފްލިކާ އިސްތިޢުފާދެއްވުމާ ގުޅިގެން ވެރިކަމާ ވަގުތީގޮތުން ޙވާލުވެވަޑައިގެންނެވީ އަލްޖަޒާއިރުގެ މަޖިލީހުގެ ރައީސް އަބްދުލްއަޒީޒް ބިން ސާލިޙެވެ. ސާލިޙްވަނީ އަންނަ ޑިސެމްބަރުމަހުގެ ބާރަ ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާނެކަން އިޢުލާނުކުރައްވާފައެވެ

ބޫތަފްލިކާގެ ވެރިކަމުގެ ދުވަސްވަރު އިސް މަޤާމުތައް އަދާކުރެއްވި ނުފޫޒުގަދަ ފަރާތްތައް ޤައުމުގެ ސިޔާސީ މަސްރަޙުން ދުރުކުރުމަށް ގޮވާލައި އަލްޖަޒާއިރުގެ ރައްޔިތުން ގެންދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ.