ޚަބަރު

ޢިރާޤުގައި ކުރާ މުޒާހަރާތަކުގެ ސަބަބުން ކާބޯތަކެތި ބެހުމަށް ހުރަސްއެޅިއްޖެ


ޢިރާޤުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ހަނޑުލާއި އެނޫންވެސް ކާބޯތަކެތީގެ ޝިޕްމަންޓްތައް އެތެރެކުރަން ހުރަސްއެޅިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ޢިރާޤުގެ ވިޔަފާރިޔާބެހޭ ވަޒީރު މުހައްމަދު ހާޝިމް އަލްޢާނީ ވިދާޅުވީ ޢިރާޤުގެ ދެކުނު ކަނޑުގެ އުންމުޤަސްރު ބަނދަނރަށް ބާލާފައިވާ ހަނޑުލުގެ ޝިޕްމަންޓްތަކާއި އެނޫންވެސް ކާބޯތަކެތީގެ ޝިޕްމަންޓްތައް ހުރީ އެތަނުގައި ތޮއްޖެހިފައިކަމަށެވެ. އަދި މުޒާހަރާކުރާ މީހުން މަގުތައް ބަންދުކުރުމުގެ ސަބަބުން އެތަކެތި ޢިރާޤުގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަން ދިގުލައިފިނަމަ ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް ކާބޯތަކެތީގެ ދަތިކަން ފޯރަފާނެކަމަށެވެ.

މުޒާހަރާކުރާ މީހުން ބަންދުކޮށްފައިވާ މަގުތަކުގެ ތެރޭގައި ޢިރާޤުގެ ދެކުނު ކަނޑުގެ ބަނދަރު އުންމުޤަސްރާއާއި ގުޅިފައިވާ މަގުތައް ހިމެނެއެވެ. މުޒާހަރާތަކާއި އެއްވުންތަކާ ގުޅިގެން އުންމުޤަސްރު ބަނދަރު ބަންދުކޮށްފައި ބޭއްވުމަށްފަހު ޢިރާޤުގެ ސަރުކާރުންވަނީ އެ ބަނދަރު އަލުން ހުޅުވާފައެވެ.