ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަސްތުވާތަކެއްޗާއިއެކު އަނެއްކާވެސް ބޭރުގެ ބޯޓެއް އަތުލައިގެންފި


މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން، އަނެއްކާވެސް ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.

މި މަސްބޯޓު ހިފަހައްޓާފައިވަނީ، ގޮތްނޭނގޭ އުޅަނދެއް ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. މި ބޯޓަށް ސިފައިންނާއި ފުލުހުން އަރައި، ބެލިބެލުމުގައި އެބޯޓުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބޯޓު ފެނިފައިވަނީ އއ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުން، މިއަދު ހެނދުނު 11:40 ހާއިރުކަމަށް އެމްއެންޑިއެފުން ވިދާޅުވެއެވެ. އެ ބޯޓު އިތުރަށް ބަލައި ޗެކްކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދާދި ފަހުންވެސްވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެރި ރާއްޖެ އެތެރެކުރަން އުޅުނު ބޭރުގެ ބޯޓެއް ހިފަހައްޓާފައެވެ. މި އޮޕަރޭޝަންގައި އެ ބޯޓަށް އެހީވުމަށް އުޅުނު ދިވެހި ދޯންޏެއްވެސް ވަނީ އަތުލައިގެންފައެވެ.