ޚަބަރު

ތުރުކީވިލާތް-ރަޝިޔާ ސޫރިޔާގެ އިރުއުތުރު ސަރަޙައްދުގައި ފޯރިމަރަން ފެށައިފި


ސޫރިޔާގެ އިރުއުތުރު ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތުރުކީވިލާތާ ރަޝިޔާއިން ގުޅިގެން އެ ސަރަޙައްދުގައި ފޯރިމަރަން ފަށައިފިއެވެ. މިއީ، އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން ފައްސާލުމަށް ދެ ފަރާތުން ޤާއިމުކުރި އެއްބަސްވުމުގެ ދަށުން އަޅަންފެށި މިފަދަ ފުރަތަމަ ފިޔަވަޅެވެ.

މި އެއްބަސްވުމުގައި ތުރުކީވިލާތާ ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގުގެ 19 މޭލު ދުރަށް ކުރުދީ ހަނގުރާމަވެރިން ޖެއްސުމަށް ތުރުކީވިލާތާ ރަޝިޔާއިންވަނީ ނިންމާފައެވެ. ދެ ޤައުމުން ގުޅިގެން ހުކުރު ދުވަހު ފޯރިމަރަން ފަށާފައިވާއިރު އެއްގަމު މަގުންނާ ވައިގެ މަގުން ދުއްވާ އަސްކަރީ އުޅަނދުތައް މި ޙަރަކާތުގައި ބޭނުންކޮށްފައިވާކަމަށް ރޮއިޓާސްއިންވަނީ ރިޕޯޓްކޮށްފައެވެ. މިކަން ތުރުކީވިލާތުގެ ދިފާޢީވުޒާރާއިންވެސް ކަށަވަރުކޮށްދީފައިވާއިރު އެ ޤައުމުގެ އަސްކަރީ އުޅަނދުތައްވަނީ ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް ސޫރިޔާގެ ސަރަޙައްދަށް ވަދެ، ހަތަރު ގަޑިއިރުވަންދެން އެ ސަރަޙައްދުގައި ފޯރިމެރުމުގެ ޙަރަކާތްތައް ހިންގާފައެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގުގެ 19 މޭލުގެ ސަރަހައްދުން ކުރުދީ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ވައިޕީޖީން ފައިބާފައިނުވާކަމަށެވެ. މިދިޔަ އޮކްޓޫބަރު މަހު ތުރުކީވިލާތުންވަނީ ސޫރިޔާގެ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ކުރުދީ ޖަމާޢަތާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. ތުރުކީން މި އޮޕަރޭޝަންތައް ހިންގަންފެށީ ސޫރިޔާގެ އިރުއުތުރުގައި ތިބި އެމެރިކާގެ ސިފައިން އެ ސަރަޙައްދުން ބާލާނެކަމަށް ބުނެ، އެމެރިކާއިން ކުރި ކުއްލި އިޢުލާނާއެކުއެވެ.