 
										 
										
			އިޓަލީގެ ކްރޫޒް ލައިނާއަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.
"ކޮސްޓަރ ވިކްޓޯރިއާ" ނަމަކަށްކިޔާ މި ކްރޫޒްލައިނާއިން މި ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މާދަމާގެ ނިޔަލަށް މިމީހުން ރާއްޖޭގައި ތިބޭނެއެވެ. 
މި ކްރޫޒްލައިނާއިން 2500 އެއްހާ މީހުން ރާއްޖެ އައިސްފައިވާއިރު އެމީހުންގެ ކަންކަން އިންތިޒާމްކުރުމުގައި މަސައްކަތްކުރަނީ "އެލިއަންޒް" ކިޔާ ކުންފުންޏަކުންނެވެ. ކުރޫޒްލައިނާއިން މާލެއައި ފަތުރުވެރިންގެ ކަންކަން ހަމަޖެއްސުމަށް އިއްޒުއްދީން ފާލަންކައިރީގައި އެ ކުންފުނިން ވަނީ ޓެންޓެއްވެސް ޖަހާފައެވެ.
"ކޮސްޓަރ ވިކްޓޯރިއާ" ކްރޫޒް ލައިނާއިން އައި މީހުން ދަނީ މާލޭގައިހުރި އެކި ތާރީޚީ ތަންތަނާއި މާލެތެރެވެސް ބަލަމުންނެވެ. އަދި ބައެއް ފަތުރުވެރިން ކައިރި ރިސޯޓުތަކަށާއި ބައެއް ރަށްތަކަށްވެސް ދާނެއެވެ. މި ކްރޫޒްލައިނާއިން އައި ފަތުރުވެރިންގެ ތެރޭގައި އިނގިރޭސިވިލާތާއި އިޓަލީއާއި ޓައިވާން ފަދަ ޤައުމުތަކުގެ ފަތުރުވެރިން ހިމެނެއެވެ. 
ކޮސްޓާ ވިކްޓޯރިއާއަކީ 1996 ވަނަ އަހަރު އޮޕަރޭޓު ކުރަން ފެށި ބޯޓެކެވެ. ރާއްޖެއަށް ދޭތެރެދޭތެރެއިން ފަތުރުވެރިން ގޮވައިގެން ކްރޫޒްލައިނާތައް އާދެއެވެ.