ޚަބަރު

ޤަވާޢިދަށް ޢަމަލު ނުކުރަން ނިންމައިފިނަމަ ފިޔަވަޅު އަޅާނަން - ޖޭއެސްސީ


ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގެ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލު ނުކުރުމަށާއި އެއިސްލާޙުގެ ބާރު ކެނޑޭގޮތަށް ނުވަތަ އެ އިސްލާހް ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމަކުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުގައި މި ގޮތައް ނިންމިކަން އިއުލާންކުރީ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވަމުންދަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިސް ހިމެނޭ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަން ސުޕްރީމް ކޯޓުން ވަނީ އިއުލާން ކުރައްވާފައެވެ. އަދި އެކައުންސިލްގެ ބައްދަލުވުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޢާއްމުކުރަމުން އަންނަ ޤަވާޢިދުތަކާއި އުޞޫލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއްކަމަށްވެސް ސުޕްރީމްކޯޓުން ވަނީ ހާމަކޮށްފައެވެ.

ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމަށްފަހު އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކޮމިޝަނާއި ހަވާލުވެފައިވާ ޤާނޫނީ ޒިންމާތައް އަދާކުރުމަށް ސުޕްރީމްކޯޓުން އެއްބާރުލުން ނުދޭކަމަށެވެ. އަދި ދިގު ހަފްތާ ބަންދަކާއި ކުރިމަތިލާ ބަންދުގެ ދުވަސްތައް ފަށާފައިވަނިކޮށް ކުއްލި ގޮތަކަށް ހުކުރު ދުވަހެއްގެ ރޭގަނޑު ސުޕްރީމްކޯޓުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާ އެކަން އެގޮތަށް ކުރަން ހަމަޖެއްސުމަކީ ކަންބޮޑުވާކަމެއްކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ކުރިން ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އައި ޑީޖޭއޭ ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފައިވެއެވެ. އަދި ފަނޑިޔާރުންނާއި ގުޅިގެން ހުށައަޅާ މައްސަލަތައް ބަލަމުން އަންނަ އުސޫލަތަކަށް ބަދަލު ގެނެސް ޖޭއެސްސީން ފަނޑިޔާރަކާއި ގުޅިގެން ނިންމާ ނިންމުމެއްގެ އެއްވެސް މައްސަލައެއް އެއްވެސް ކޯޓަކަށް ނުބެލޭކަމަށްވެސް އެ އިސްލާހުގައިވެއެވެ.