ޚަބަރު

ކެމިކަލް ގުދަނުގައި ރޯވެގެން ހިނގި އަލިފާނުގެ ޙާދިސާ: ގެއްލުން ޖުމުލަ 36.1 މިލިއަން ރުފިޔާއަށް


މިދިޔަ ސެޕްޓެމްބަރ މަހުގެ 20ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުންވި އިމާރާތްތަކާއި ހިފާގެންގުޅޭތަކެތީގެ އަގު 36.1 މިލިއަނަށް އަރާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން އިޢާދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ މި ޙާދިސާގައި ޙާލުގައިޖެހުނު 31 ޢާއިލާއެއްގެ 141 މީހަކަށް އެ އޮތޯރިޓީން މިޙާރުވެެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ. މީގެތެރެއިން 7 ޢާއިލާއެއްގެ 31 މީހުންނަކީ ގެއްލުން ލިބުނު ގެތަކުގެ ވެރިންކަންވެސް އެންޑީއެމްއޭއިން ފާހަގަ ކުރައްވައެވެ.

ހިސާން ވިދާޅުވީ ބާކީ ތިބީ ކުއްޔަށް އުޅޭ 24 އާއިލާއެއްގެ މީހުންކަމަށާ، އެމީހުން މިހާރުވެސްތިބީ މޫކައި މޫކައި ސްވިޓް އާއި ގާކޮށި ފްލެޓްތަކުގައިކަމަށެވެ. އަދި އެމީހުންނަށް ވާނީ 3 މަސްދުވަހަށް ވާވަރަށް ކުރިން އެމީހުން ކުލިދައްކަމުންއައި ރޭޓަށް ރުފިޔާ ޙަވާލުކޮށްފައިކަންވެސް އެންޑީއެމްއޭއިން ފާހަގަކުރެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އެ އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދެންމުންދާ އެއްވެސް ޢާއިލާއަކަށް ގަދަބާރުން އެތަންތަނުން ނުކުންނަން އަންގާފައި ނުވާނެކަމަށެވެ. އަދި އެއްވެސް އާއިލާއެއް މަގުވަތިވެފައި ނުވާނެކަމަށާއި އެއްވެސް އާއިލާއަކުން މަގުމަތިވިޔަ ނުދޭނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ. އެއާއެކު އެއޮތޯރިޓީން ތިންމަސްދުވަހުގެ ނިޔަލަށް އެހީތެރިކަން ފޯރުކޮށްދީ ރުފިޔާ ހަވާލުކޮށްފައިވުމާއެކު ނޮވެމްބަރ މަހުގެ ތެރޭގައި އަމިއްލަ ހާލަތައް ރުޖޫޢަވުމަށް އިރުޝާދު ދެއްވާފައިވާކަން އެފަރާތުން ފާހަގަކުރައްވައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު ފިކުރީ ވިދާޅުވީ އެހީ ދިނުމުގައި ހުރިހާ އާއިލާއަކަށްވެސް އެއް އުސޫލަކުން އެހީތެރިކަން ދީފައިވާކަމަށެވެ. ކުއްޔަށް އުޅެމުންއައި އާއިލާތަކުގެ ކުއްޔަށް ޖުމުލަ 1.5 މިލިއަން ރުފިޔާ ހޭދަވާކަމަށް އޭނާ ވިދާޅުވިއެވެ. އާންމުކޮށް ހުޅުވާލި އެހީތެރިވުމުގެ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށާ، އެއާއެކު ޒަކާތު ފަންޑުންވެސް އެހީ ލިބޭނެކަމުގެ އިޝާރާތެއް ލިބިފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެތެރޭގައި އެންޑީއެމްއޭއިން ވަނީ އަލިފާނުގެ ޙާދިސާގައި އެންޑީއެމްއޭގެ ބެލުމުގެ ދަށަށް ގެނައި އާއިލާތަކުގެ ތެރެއިން، ކުއްޔަށް ދިރިއުޅުނު ޢާއިލާތަކަށް އަލުން އައު ތަންތަން ކުއްޔަށް ހޯދުމަށް އިރުޝާދުދީ، އެގޭބިސީތަކުގެ ކުލި ތިން މަސްދުވަސް ވަންދެން، ސަރުކާރުން ދައްކާގޮތަށް ހަމަޖައްސާފައެވެ.

އެންޑީއެމްއިންދަނީ ޙާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލްވެސް ބަލަމުންނެވެ. އެގޮތުން ހިފާގެންގުޅޭތަކެއްޗާއި ގެދޮރަށް ލިބުނު ގެއްލުމުގެ އެސެސްމަންޓްތައްވެސް އަންނަނީ ހަދަމުންނެވެ. މިދިސެޕްޓެމްބަރު 20ވަނަ ދުވަހު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއަކީ ކެމިކަލް ގުދަނެއްގައި ރޯވެ ހިންގި ނުރައްކާތެރި ޙާދިސާއެވެ. މި ހާދިސާގައި 7 ގެއަކާއި، 4 ގުދަނެއްވަނީ އަނދާފައެވެ.