ޚަބަރު

ގއ.ވިލިނގިލީ އާ އިންޖީނުގޭގެ މަސައްކަތް ފަށައިފި


ގއ.ވިލިނގިލީގައި އަލަށް ހަދާ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ވިލިނގިލީ އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދާއި، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢީދް މުޙައްމަދުއެވެ.

މި މަޝްރޫޢުގެދަށުން އިންޖީނު ބަހައްޓާ އިމާރާތާއި، އޮފީސް ބްލޮކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އައު އިންޖީނުގެއަކީ 1355 އަކަ މީޓަރުގެ އިންޖީނުގެއެވެ. މި މަޝްރޫޢުގެދަށުން ޑީސަލް ރައްކާކުރާ ޓޭންކުވެސް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

އަދި އޮފީސް އިމާރަތުގައި އޮފީސް އޭރިއާއާއި، މީޓިންގ ރޫމާއި، ނަމާދު ކޮޓަރިއާއި، ގުދަނަކާއި، އެކަމަޑޭޝަން ސަރަޙައްދެއްވެސް ހިމެނެއެވެ. އާ އިންޖީނުގޭގެ މަސައްކަތް 6 މަސް ތެރޭގައި ނިންމާނެކަމަށް ފެނަކައިން ބުނެއެވެ.

ގއ.ވިލިނގިއްޔަކީ އާބާދީ އިތުރުވުމުގެ ސަބަބުން ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ބޭނުންވެފައިވާ ރަށެކެވެ. މިއަހަރުގެ ކުރީކޮޅުވެސް އެރަށު އިންޖީނަކަށް ދިމާވި މައްސަލައެއްގައި މުޅި ރަށުގެ 70%އިންވަނީ ކަރަންޓު ކެނޑިފައެވެ.

ވިިލިނގިއްޔަށް ކަރަންޓު ދިނުމަށްޓަކައި އެރަށުގައި ފެނަކައިން މިހާރު ބޭނުންކުރަމުން އަންނަނީ 800ކިލޯ ވޮޓްގެ 2 އިންޖީނާއި، 500 ކިލޯވޮޓްގެ އިންޖީނެކެވެ. ގއ.ވިލިނގިއްޔަކީ އާބާދީގައި ތިން ހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.