މުނިފޫހިފިލުވުން

އަނޫ މަލިކަށް އަނެއްކާވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް


ޖިންސީ ގޯނާގެ ތުހުމަތުތަކާއި އަނެއްކާވެސް އަނޫ މަލިކް ކުރިމަތިލާން ޖެހިއްޖެއެވެ. މި ފަހަރު މި ތުހުމަތުތައް އުފުލާފައިވަނީ ލަވަކިޔުންތެރިޔާ ނޭހާ ބާސިންއެވެ.

އިންޑިއާގައި މިހާރު ކުރިޔަށްދާ މީ ޓޫ މޫވްމަންޓްގެ ތެރެއިން މީގެ އަހަރެއްހާ ދުވަސްކުރިންވެސް އަނޫ މަލިކް ވަނީ މި ތުހުމަތުތަކާއި ކުރިމަތިލާންޖެހިފައެވެ. އެފަހަރު އެތައް އަންހެނުންތަކެއް ވަނީ އަނޫ މަލިކް މައްޗަށް އެ ތުހުމަތުތައް އުފުލާފައެވެ.

އެ ފަހަރުގެ ތުހުމަތުތަކާއި އެކު އޭރު ކުރިޔަށްދިޔަ ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް " ސީޒަންގެ 10 އެއްގެ ޖަޖުގެ ގޮތުގައި އިން އަނޫ މަލިކް ވަނީ ޖަޖުންގެ ޕެނަލުން ވަކިކޮށްފައެވެ. ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އަނޫ މަލިކް މިދިޔަ އަހަރު ޝޯއިން ވަކިކުރީ ފިނާލޭ ވަރަށް ކައިރިވެފައިވަނިކޮށެވެ.

އިންޑިއާގެ މަޝްހޫރު މިއުޒިކް ޑިރެކްޓަރ އަދި ލަވަކިޔުންތެރިޔާ އަނޫ މަލިކް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތައް އަނެއްކާވެސް ފެންމަތިވިވެފައި މި ވަނީ "އިންޑިއަން އައިޑޮލް " ސީޒަންގެ 11 ޖަޖުންގެ ޕެނަލްގައި އެނާ ހިމެނި އެ ސިރީޒްގެ ޝޯތައް ދައްކަން ފަށާފައިވަނިކޮށެވެ.

އަނޫ މަލިކް ޖިންސީ ގޯނާ ކުރިކަމަށް ބުނެ އެކަމާއި ދެކޮޅަށް މި ފަހަރު އަޑު އުފުލި ނޭހާ ބުނެފައިވަނީ އަނޫ މަލިކް އޭނާއަށް ޖިންސީ ގޯނާކޮށްފައިވަނީ އޭނާގެ އުމުރުން އެންމެ 21 އަހަރުގައިކަމަށެވެ. އަދި އެއީ އޭނާ ލަވަކިޔުމަށް ފުރުސަތެއް ހޯދުމަށް ދިޔުމުންކަމަށްވެސް ނޭހާ ބުނެފައިވެއެވެ.

އަނޫ މަލިކްގެ މައްޗަށް ފުރަތަމަ ފަހަރަށްވެސް މި ތުހުމަތުތައް އުފުލާފައިވަނީ ލަވަކިޔުންތެރިންނެވެ. އެ ފަހަރު މި ތުހުމަތުތައް އުފުލީ ސޯނާ މަހާޕަޓްރާ އާއި ޝްވޭތާ ޕަންޑިތާއި އަލީޝާ ޝިނޯއީއެވެ. އެހެންނަމަވެސް އަނޫ މަލިކް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.