ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަންކުރައްވައިފި


އިންފޮމޭޝަން ކޮމިޝަނަރަކަށް ޙުސައިން ފިޔާޒު މޫސާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ފަތްކޮޅު ފިޔާޒަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ފިޔާޒު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 72 މެމްބަރުންގެ ވޯޓާއިއެކުގައެވެ. ހުސްވެފައިވާ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 9 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. މިނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުން 4 ބޭފުޅަކާ ކޮމެޓީންވަނީ އިންޓަރވިއުކޮށްފައެވެ.

ކޮމެޓީން އިންޓަރވިއުކުރީ ޙުސައިން ފިޔާޒު މޫސާ އާއި އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަންއާއެވެ. މިބޭފުޅުންގެ ތެރެއިން ފާތިމަތު ޝައުޝަން ނޫން އަނެއް ތިން ބޭފުޅުނަށް ރުހުން ހޯދުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރީ ކޮމެޓީގައި ބައިވެރިވެޑައިގެން ނުވަ މެމްބަރުންގެ ވޯޓުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމް ހުސްކޮށް އޮންނަތާ މިހާރު 2 މަސް ދުވަހަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ.