ޚަބަރު

ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ދަރިވަރުންގެ އަތަށް ދޭން ފަށައިފި


އަންނަ އަހަރުގެ ދީރާސީ އަހަރަށް ބޭނުންވާ ފޮތްތައް މިހާރު ވަނީ ބަހަން ފަށާފައެވެ. އެގޮތުން މިހާރު މާލޭގެ ބައެއް ސްކޫލްތަކުގައި ތަޢުލީމް ހާޞިލް ކުރަމުންދާ ދަރިވަރުންނަށް ފޮތްތައް ވަނީ ބަހަން ފަށާފައެވެ.

ކޮންމެ އަހަރެއްގެ ދިރާސީ ކިޔެވުން ނިމި އަނެއް އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބެހުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދެއެވެ. އެގޮތުން މިއަހަރުވެސް ދުރާލާ އެ މިނިސްޓްރީން ވަނީ ސްކޫލްތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. މިއަހަރުގެ ދިރާސީ އަހަރު ނިމުމުގެ ކުރިން އަންނަ އަހަރުގެ ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ބަހާ ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މާލޭގައިވެސް އަދި ރަށްރަށުގައިވެސް ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ބަހަނީ ސްކޫލްތަކާއި ޙަވާލުކޮށްގެންނެވެ. އެގޮތުން ރަށްރަށަށް ފޮތް ފޮނުވުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާލޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް މިހާރު ފޮތްތައް ބަހާފައިވާކަމަށެވެ. އަދި އެކި ރަށްރަށުގެ 57 ސްކޫލަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މިހާރު ފޮނުވާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެންމެ ލަސްވެގެން އަންނަ މަހުގެ 21 ވަނަ ދުވަހު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ބަހަން ފެށުމަށް ސްކޫލްތަކަށް އަންގާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގައިވެސް ދުރާލާ ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް ފެށިނަމަވެސް ސްކޫލް ހުޅުވޭއިރުވެސް ޓެކްސްޓް ފޮތްތައް ނުލިބުމުގެ ސަބަބަބުން ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކުރަމުންދެއެވެ. ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކުގެ އިތުރަށް ފޮތާއި ސްޓޭޝަނަރީ ފޯރުކޮށްދެނީ ސަރުކާރުގެ ޚަރަދުގައެވެ.

ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް އަންނަ އަހަރު ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. މިހާރުވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްފައިވާކަމަށް މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ.