ޚަބަރު

ފަނޑިޔާރު ޝުޖާޢު އުޘްމާނާއި އިތުރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބަލަނީ


ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނާއި އެކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަށައިފިއެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ 75 ވަނަ ބައްދަލުވުމުގައިވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނާއި އެކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ ސުލޫކީ މައްސަލަތައް ބެލުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލާފައެވެ.

މި މައްސަލަބަލަން އެކޮމިޝަނުން ނިންމާފައިވަނީ ކޮމިޝަނުގެ ޤާނޫނުގައިވާ ފަދައިން، ހުށައެޅޭ މައްސަލަތައް ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، ތާވަލުކުރި 19 މައްސަލައިގެ ތެރެއިން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާން އާއި އެކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދުގެ މައްސަލައާއި، ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާގެ މައްސަލައެއް ބަލައިގަނެ ތަޙްޤީޤު ކޮމިޓީ އެކުލަވާލުމަށެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ހިމެނޭހެން އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލާއިރު، އެކޮމިޝަނުން ދަނީ އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސްޕްރީމް ކޯޓާއި، ސުޕީރިއާ އިތުރު ކޯޓުތަކުގެ އިތުރުން ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަޙޤީގުކުރަމުންނެވެ.