ޚަބަރު

މުޒާހަރާތަކާ ގުޅިގެން ލުބުނާނުގެ ބޮޑުވަޒީރު ޙަރީރީ އިސްތިޢުފާދެއްވައިފި


ލުބުނާނުގައި މެދުނުކެނޑި ދެ ހަފުތާއަށް ދިގުދެމިގެންދިޔަ މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ފިއްތުންތައް އިތުރުވެ އެންމެ ފަހުން ބޮޑުވަޒީރު ސާދް އަލްޙަރީރީ މިވަނީ އިސްތިޢުފާދެއްވާފައެވެ. ރައްޔިތުން ވެރިރަށް ބެއިރޫތުގެ މަގުތައް މައްޗަށް ނުކުމެ ސަރުކާރުގެ އިސްތިޢުފާއަށް ގޮވާލަންފެށީ ލުބުނާނުގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ވަޒީފާލިބުން ދަތިވެ، އިންޓަނެޓުން ކުރާ ފޯނުކޯލުތަކުންވެސް ޓެކްސްނަގާ ހިސާބަށް ކަންތައް ދިޔުމުންނެވެ.

ބޮޑުވަޒީރު ސާދު އަލްޙަރީރީގެ ބައްޕާފުޅު، އަވަހާރަކޮށްލެވިފައިވާ ކުރީގެ ބޮޑުވަޒީރު ރަފީޤް އަލްޙަރީރީގެ ފޮޓޯފުޅުގެ ކުރިމަތީގައި ހުންނަވައިގެން އިސްތިޢުފާދެއްވިކަން އިޢުލާނުކުރައްވަމުން ޙަރީރީ ވިދާޅުވެފައިވަނީ، އޭނާ އެކަންކުރަން ނިންމެވީ ދެން ހެދޭނެ އެހެންގޮތެއް ނެތި ގޮތްހުސްވެވަޑައިގެންކަމަށެވެ. ސިޔާސީގޮތުން ބާރުހުރި މަޤާމަކީ ލިބިފައި ގެއްލިގެންދާނެ އެއްޗެއްކަމަށް ޙަރީރީ ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ކަމަކަށްވުރެ މުހިންމުވަނީ ޤައުމުގެ ސަލާމަތްކަމާއި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ޞުލްޙަވެރިކަންކަމަށް އޭނާ ވިދާޅުވިއެވެ. ޤައުމުގެ މަސްލަޙަތަށްވުރެ މަތީގައި އެއްވެސް މީހަކު ހުރެގެންނުވާނެކަމަށާއި އޭނާ ލުބުނާނަށް އަބަދުވެސް އެދެނީ ފާގަތި ދުވަސްތަކެއްކަމަށް ވިދާޅުވިއެވެ.

ޙަރީރީ އިސްތިޢުފާދެއްވުމަށް ތާޢީދުނުކުރާ ޕާޓީތަކުގެ މެންބަރުންނާއި މުޒާހަރާކުރަމުންދިޔަ މީހުންނާއި ހަމަނުޖެހުންތަކެއް ހިނގުމަށްފަހު އޭނާ އިސްތިޢުފާދެއްވިއިރު ލުބުނާނުގެ އިޤްތިޞާދުވަނީ ފުން އަނދަވަޅަކަށް ވެއްޓިފައެވެ. އިންފްލޭޝަން މައްޗަށްގޮސް، ވަޒީފާނެތް މީހުންގެ ޢަދަދުވަނީ މީގެކުރިން މައްޗަށްނުދާ މިންވަރަށް އިތުރުވެފައެވެ. ޤައުމުގެ ބޭރުގެ ދަރަނި 86 ބިލިއަން ޑޮލަރަށް އަރާއިރު، ލުބުނާނުގެ ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ޤައުމުގެ ދަރަނި މިވަގުތު ޖީޑީޕީގެ %150އަށްވުރެ މަތިކަމަށެވެ.

އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގެ ޕްރޮފެސަރެއްކަމުގައިވާ ރަމީ ޚޫރީ ވިދާޅުވީ ބޮޑުވަޒީރު ޙަރީރީއަކީ ސަރުކާރުގައި ހުންނެވި އެންމެ ބަލިކަށި ބޭފުޅާކަމަށެވެ. އަދި ފާއިތުވީ އަހަރުތަކުގެ ތެރެއިން މަޖިލީހުގައިވެސް ޙަރީރީގެ މަޤްބޫލުކަންވަނީ ވަރަށް ކުޑަވެފައިކަމަށް ޚޫރީ ވިދާޅުވިއެވެ. މިހެންކަމާއެކު ވެރިކަން ހިންގާ ކޯލިޝަނުން ޙަރީރީގެ ބޭނުންހިފަމުންދަނީ ސަރުކާރު ދެމެހެއްޓުމަށްކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ލުބުނާނަކީ ދީނީ އަދި މަޛްހަބީ ޚިލާފުތައް ބޮޑު ޤައުމެކެވެ ލުބުނާނުގައި 1975ވަނަ އަހަރު ފެށުނު އަހުލީ ހަނގުރާމަ 15 އަހަރަށް ދެމިގެން ދިޔުމަށްފަހު، އެ ހަނގުރާމަ ހުއްޓުނީ 1990ވަނަ އަހަރު ސޫރިޔާގެ ޞުލްޙަ ބަލަހައްޓާ ލަޝްކަރެއް އެ ޤައުމަށް ގޮސްގެންނެވެ. އޭގެފަހުން މިހާތަނަށް އައިއިރުވެސް ލުބުނާނުގެ ސިޔާސީ މައިދާނަށް އަތްގަދަކޮށްފައިވަނީ އޭރު ކުރެވުނު އަހުލީ ހަނގުރާމައިގައި ތަފާތު ދައުރުތައް އަދާކުރެއްވި ބޭބޭފުޅުންނެވެ. ލުބުނާނަށް އަބަދުވެސް އޮންނަ އެންމެ ބޮޑު ބިރަކީ އިސްރާއީލުން އެ ޤައުމާ ދެކޮޅަށް ފަށާފާނެ ޢުދުވާނީ ޙަމަލާއެއްގެ ނުރައްކަލެވެ. މިހެންކަމުން ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޙިޒްބުﷲ ޖަމާޢަތުގެ ޒަޢީމް ޙަސަން ނަޞްރުﷲވަނީ ސަރުކާރު އިސްތިޢުފާ ނުދިނުމަށް ގޮވާލައްވާފައެވެ.

ސަރުކާރު އިސްތިޢުފާ ދިނުމުން އުފެދޭނެ ހުސްކަން ފޫނުބެއްދި ދެތިން އަހަރުވެއްޖެނަމަ ލުބުނާނު އަނެއްކާވެސް އަހުލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް ނަޞްރުﷲވަނީ ވިދާޅުވެފައެވެ. ޙަރީރީ އިސްތިޢުފާދެއްވުމުން މުޒާހަރާކުރާ މީހުން އުފާފާޅުކުރަމުންދާއިރު، ދެން ލުބުނާނުގައި އަލުން ބޮޑުވަޒީރެއް ޢައްޔަނުކުރެވޭނީ ކޮންގޮތަކަށްތޯ ބަލައި، އެކަމާ އެންމެ ބޮޑު ފިކުރެއްކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކީ ރައީސް މިޝެލް އައުންނެވެ.

މުޒާހަރާކުރާ މީހުން ބުނަމުންދަނީ މުޅި ސަރުކާރު އެއްކޮން އިސްތިޢުފާނުދެނީސް އެއްވުންތައް ހުއްޓާނުލާނެކަމަށެވެ.