ޚަބަރު

ދިވެހިންގެ އަތްމައްޗަށް ވީހާވެސް ގިނަ މަސައްކަތަށް ގެނެސް، ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރާނަން - ނާއިބު ރައީސް


މި ސަރުކާރުން ދިވެހިންގެ އަތްމައްޗަށް ވީހާވެސް ގިނަ މަސައްކަތްތައް ގެނެސް، ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އަމާޒުހިފާފައިވާކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ކްލިނިކަލް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމަށް ފޮނުވަން ފެށުން ފާހަގަކުުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ސަރުކާރުން ސިއްޙީ ދާއިރާއަށްދޭ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިދާއިރާއިން ތަޢުލީމީ ޤާބިލު ޒުވާނުން ބިނާކުރުމަށް ކުރާ މަސައްކަތް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ސްކޫލް އޮފް މެޑިސިންއެއް ހުޅުވާ ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންގެ އެންމެ ފުރަތަމަ ކޯސް ކާމިޔާބުކަމާއެކު ކުރިއަށްދާކަމީ މިކަމުގެ ހެއްކެތްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ސިއްޙީ ދާއިރާގައި ޤައުމަށް ޚިދުމަތްކުރަން ޤައުމުގައި ތިބި ޑޮކްޓަރުން މަދުކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ޤައުމުން ގިނަ ފައިސާތަކެއް ބޭރުވާކަން ފާހަގަކުރައްވާ ނާއިބު ރައީސް ވަނީ ދިވެހިންނަށް ޤައުމުގައި ޚިދުމަތްކުރުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް، މި ސަރުކާރުން ދިވެހިންގެ އަތްމައްޗަށް ވީހާވެސް ގިނަ މަސައްކަތަށް ގެނެސް، ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އަމާޒުހިފާފައިވާކަމަށެވެ.

"ޤައުމުގައި ގިނަ ދަރިވަރުން އެމްބީބީއެސްއަށް ކިޔަވަމުންދޭ. އެކަމު މިހާރުވެސް 80 އިންސައްތަ ޑޮކްޓަރުންނަކީ ބިދޭސީން. އަޅުގަނޑުމެން މި ބޭފުޅުންގެ ޚިދުމަތަށް ޝުކުރުވެރިވަން. އެކަމު އަޅުގަނޑުމެން ދުރު ވިސްނުމެއް ގެންގުޅެންޖެހޭ. މި ސަރުކާރުން ދިވެހިންގެ އަތްމައްޗަށް ވީހާވެސް ގިނަ މަސައްކަތަށް ގެނެސް، ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އަމާޒުހިފާފައި މިވަނީ." ނައިބު ރައީސް ވިދާޅުވިއެވެ.

ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތެރެއިން ކްލިނިކަލް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމްގައި 22 ދަރިވަރަކު ބައިވެރިވެއެވެ. މި ރަސްމިއްޔާތުގައި ކްލިނިކަލް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ކުރިން ކުރާ ހުވާވެސް ވަނީ ލައިދީފައެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި، ހެލްތް މިނިސްޓްރީ އާއި އައިޖީއެމްއެޗްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.