 
										
			އިނގިރޭސިވިލާތުގެ ލަންޑަންގައި އަންނަމަހު އޮންނަ ޑަބްލިޔުޓީއެމް ފެއަރގައި ރާއްޖޭގެ 63 ކުންފުންޏަކުން ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ 63 ކުންފުންޏަކުން ވޯލްޑް ޓެރެވަލް މާކެޓް، ޑަބްލިޔުޓީއެމް ފެއަރގައި ބައިވެރިވާއިރު، ޖުމްލަ 161 ބައިވެރިން މީގެ ތެރޭގައި ހިމެނޭކަމަށެވެ. 
އެމްއެމްޕީއާރުސީން ބުނީ ޑަބްލިޔުޓީއެމް ފެއަރގައި ބައިވެރިވާ ފަރާތްތަކާއެކު ޕްރީ މީޓީންއެއް މިހާރު ބާއްވާފައިވާކަމަށެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ މިފެއާގައި ރާއްޖެއިން ބައިވެރިވާ ފަރާތްތަކަށް ފެއަރއާ ގުޅޭ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުންކަމަށެވެ. އޭގެ ތެރޭގައި މިއަހަރު ރާއްޖެއިން ފެއަރގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މަޢުލޫމާތު ހިމެނޭކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން މަޢުލޫމާތުދޭ ގޮތުގައި މިއީ ޑަބްލިޔުޓީއެމް ފެއަރގައި ބާއްވާތާ 39 އަހަރު ވެފައިވާއިރު މިއީ ރާއްޖެއިން މިފެއަރގައި ބައިވެރިވާ 35 އަހަރެވެ. 
ޑަބްލިޔުޓީއެމް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު ފެއަރއެވެ. މިއަހަރުގެ ފެއަރގައި އެކި ޤައުމުތަކުން ފަސް ހާހަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާބެހޭ މާހިރުންނާއި ދާއިރާގެ އިސް ބޭފުޅުނާއި ނޫސްވެރިންވެސް ހިމެނެއެވެ. 
ޑަބްލިޔުޓީއެމް ފެއަރ މިއަހަރު ކުރިއަށްދާނީ އަންނަމަހުގެ 4 ވަނަ ދުވަހުން 6 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. 
އިނގިރޭސިވިލާތުގައި މި ފެއަރ ކުރިއަށްދާއިރު، އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިއަހަރު ސެޕްޓެމްބަރުމަހުގެ ނިޔަލަށް އިނގިރޭސިވިލާތަކީ ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.