ޚަބަރު

މޫސުމަށް ސަމާލުވޭ - ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެ


މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ނެރެފައިވާ ޔެލޯ އެލަރޓުގެ މުއްދަތު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިތުރުކޮށްފިއެވެ.

ވިއްސާރައާއި ގުޅިގެން ޔެލޯ އެލާރޓް ނެރެފައިވަނީ ހއ.އިން ފެށިގެން ވ.އަތޮޅާއި ހަމައަށެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ މޫސުން އިތުރަށް ގޯސްވާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހާއި ހަމައަށް ދެމިގެންދާނެކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

ރާއްޖެއަށްކުރަމުންދާ ވިއްސާރައާއި ޢަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނާ ސީދާ ގުޅުމެއް ނެތްނަމަވެސް މޫސުން ގޯސްވާ ވަގުތުތަކުގައި ރަށްރަށަށް އުދައަރަނީ ޢަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް ތަހުމީނާ ޢަބްދުލް ކަރީމް ވިދާޅުވީ މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް އެހެން ހިސާބު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ.