ޚަބަރު

ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ޒަމާނީ ވިސްނުމާއި ފިކުރު ބޭނުންކުރަންޖެހޭ - ހޯމް މިނިސްޓަރ


ބަވަނަވަމުންދާ ދުނިޔޭގައި ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ޒަމާނީ ވިސްނުމާއި ފިކުރު ބޭނުންކުރުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒްސް އިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ.

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޤައުމީ ދުވަހުގެ ޙާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ޤައުމުގެ ހައްޤުގައި ކުދިބޮޑު އެންމެން ތިބެންޖެހޭނެކަން ފާހަގަކުރައްވާފައެވެ. ދިވެހިންނަކީ ޒަމާނުއްސުރެވެސް ޤައުމިއްޔަތު ހިފެހެއްޓުމުގައި ލާމަސީލު މިސާލެއް ދައްކާދީފައިވާ ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ، ޤައުމިއްޔަތު ނެގެހެއްޓުމުގައި މިނިވަންކަމުގެ އަސާސްތައް ރައްކާތެރިކުރުމަށް ގޮވާލައްވާފައެވެ.

އިސްލާމްދީނާއި، ދިވެހި ބަސް އަދި ދިވެހިންގެ އާދަކާދައަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަށް މިހާރު ތަފާތުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ކާބަފައިން ގަދަ ކަނޑުގައި ހަތުރުންނާއި ކުރި ހަނގުރާމައިގެ ބަދަލުގައި މިއަދު އައު ނުރައްކާތައް ޤައުމަށް ކުރިމަތިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އިމްރާންވަނީ ބަވަނަވަމުންދާ ދުނިޔޭގައި ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ޒަމާނީ ވިސްނުމާއި ފިކުރު ބޭނުންކުރުމަށް ގޮވާލައްވާފައެވެ.

"ޤައުމިއްޔަތު ދަމަހައްޓާއިރު ޤައުމިއްޔަތުގެ އަސާސްތައް ހިފަހައްޓަންޖެހޭ. އެގޮތުން އިސްލާމްދީނާއި، ދިވެހި ބަސް އަދި ދިވެހިންގެ އާދަކާދަ ދަމަހައްޓަންޖެހޭ. މި މަޤްޞަދަށް މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތައް މިއަދު މިވަނީ ބަދަލުވެފައި. ބަވަނަވަމުންދާ ދުނިޔޭގައި ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ޒަމާނީ ވިސްނުމާއި ފިކުރު ބޭނުންކުރަންޖެހޭ." މިިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ، މި ސަރުކާރުން ޤައުމީ ދުވަސް ފާހަގަކުރުމަށް ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި ދޭ ޤައުމީ އިނާމްތައް ޤައުމީ ދުވަހު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވިނިންމެވުމަކީ މިކަމުގެ ހެއްކެއްކަމަށް މިނިސްޓަރ އިމްރާ ވިދާޅުވިއެވެ.