ޚަބަރު

އަލިފާނުގެ ހާދިސާއަށްފަހު އަބަދަށް ފެހި މަގު ޢާއްމުކޮށް ހުޅުވާލައިފި


މިދިޔަ މަހުގެ ވިހިވަނަ ދުވަހު ހިނގި އަލިފާނުގެ ޙާދިސާއަށްފަހު އެޙާދިސާ ހިނގި ސަރަޙައްދުގެ މައިމަގު އަބަދަށް ފެހި މަގު ޢާއްމުކޮށް ހުޅުވާލައިފިއެވެ. މިމަގު ހުޅުވާލާފައި މިވަނީ މިހާދިސާ ހިނގިތާ އެއްމަސް ފަހުން އިއްޔެއެވެ.

އަބަދަށްފެހި މަގުގައި ހުރި ހ.ތިލަފުށީގޭގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެ ސަރަޙާއްދުގައި ހުރި އެހެނިހެން ބައެއް ޢިމާރާތްތަކަށްވެސް ވަނީ ބޭނުންނުކުރެވޭވަރަށް ގެއްލުންވެފައެވެ. އެހެންކަމުން އެސަރަހައްދަށް މީހުން ވަނުމަކީ އެންމެ ރައްކާތެރިގޮތް ނޫންކަމަށާ، ގެތައް ތަޅާލުމާއި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށްޓަކައި އެ ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ. އަލިފާންގަނޑު ނިންމާވާލުމުން އެސަރަހައްދުން ވަރަށްބޯކޮށް ދުން އަރާފައިވެއެވެ. އަދި އަލިފާންރޯވި ސަރަހައްދު ސާފުކުރަމުންދިޔައިރު ދުންއެރުމުގެ ފުރުސަތު އޮތުމުން އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

އެއަށްފަހު އެ ސަރަޙައްދުގައި ދިރިއުޅޭ ޢާއްމުންނަށް ހިނގާފައި ވަދެވޭގޮތަށް ހަމަޖެއްސިއެވެ. އަދި އެ އަށްފަހު ބައެއް އުޅަނދުތަކަށް ވަކި ހިސާބަކަށް ވަދެވޭގޮތްވެސް ހެދިއެވެ. އެހެންނަމަވެސް މިހާރު އެ ސަރަހައްދު ހުޅުވާލާފައިވާއިރު އަލިފާނުގެ ހަދިސާ ހިނގި ގުދަނާއި، އިންވެގެން ހުރި ގެތަކުގެ އިތުރުން ގުދަނުގެ ބިއްދޮށުގައި ހުރި ގެއްތައް ތަޅާލައިވަނީ ސާފުކޮށްފައެވެ.

އަލިފާނުގެ ހާދިސާއަށްފަހު އެ ސަރަހައްދުގެ ގިނަ ގޭގެއިން މީހުން ހުސްކޮށް މުޅި ސަރަހައްދު ބަލަހައްޓަމުން ދިޔައެވެ. މިގޮތުން އެސަރަހައްދު ސާފުކުރަމުންދިޔައިރުވެސް ފަޔާ އެންޑް ރެސްކިއުޓީމުން 24 ގަޑިއިރު ފަޔާ ވެހިކަލާއެކު އެސަރަހައްދު މޮނިޓަކުރަމުންދިޔައެވެ.