ޚަބަރު

ގެއްލުން ލިބުނު ގެތަކުގެ ވެރިފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ލިބެންދެން ތިބޭނީ ގާކޮށީގައި - އެންޑީއެމްއޭ


މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ވެރިފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ދިނުމާ ގުޅޭގޮތުން ސަރުކާރުން ވަކިގޮތެއް ނިންމަވަންދެން ގާކޮށީގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެގޮތުން އެ މުއްދަތުގައި އެފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޭނުންތަކާއި ކެއުމުގެ އެލަވަންސް ފޯރުކޮށްދެމުން ގެންދާނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. އަދި އެދުވަހުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް 3 މަސްދުވަހުގެ ކުލީގެ ފައިސާ ދީފައިވާކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ތަނެއް ކުއްޔަށް ހިފުމާއި ދިރިއުޅުން ޢާއްމު ހާލަތަށް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތް މިމަހުގެ ނިޔަލަށް ކުރުމަށް އެފަރާތްތަކަށް އިރުޝާދު ދީފައިވާކަމަށެވެ. އަދި މިހާރުވެސް ބައެއް އާޢިލާތަކުން ކުއްޔަށް އެޕާޓްމަންޓުތައް ހިފައިގެން ބަދަލުވެފައިވާކަމަށް އެ އޮތޮރިޓީން ވިދާޅުވެއެވެ. އަލިފާނުގެ ޙާދިސާއާއި ގުޅިގެން މިމަހުގެ 24 ގެ ނިޔަލަށް 141 މީހުން ވަގުތީ ބޯހިޔާވަހިކަމުގައި އެބަތިބިކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ދަނީ އަލިފާނުގެ ޙާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލްވެސް ބަލަމުންނެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން ހިފާގެންގުޅޭ ތަކެއްޗައް އެއްމިލިއަން ތިރީސް ހަހާސް ރުފިޔާގެ ގެއްލުންވެފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. މި އެސެސްމަންޓް ހަދާފައިވަނީ ގެއްލުންވި 18 ގޭގެ 92 ގޭބިސީން އެއްކުރި މަޢުލޫމާތުންނެވެ. މި އެސެސްމަންޓުން އެނގިފައިވާގޮތުގައި 41 ގޭބިސީއެއްގެ ހިފާގެންގުޅޭ ތަކެއްޗައް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

އިމާރާތްތަކަށް ލިބުނު ގެއްލުނަތެއްވެސް ދެނެގަތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިމާރާތްތަކަށް ލިބުނު ގެއްލުން ދެނެގަތުމަށް 31 ގެއެއްގެ އެސެސްމަންޓް މިހާރުވަނީ ހަދާފައެވެ. މީގެތެރޭގައި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ތަޅާލި ގުދަންތައްވެސް ހިމެނެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ރިލީފް ފަންޑަށް ލިބުނު އެހީ ބެހުމަށް ހަމަޖެހިފައިވަނީ ހާދިސާގެ ސްޓަރކްޗްރަލް އެސެސްމަންޓް ހަދާ ނިމުމުންކަމަށެވެ. އެންޑިއެމްއޭގެ ރިލީފް ފަންޑަށް 2.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއަކީ ކެމިކަލް ގުދަނެއްގައި ރޯވެ ހިންގި ނުރައްކާތެރި ޙާދިސާއެވެ. މި ހާދިސާގައި 7 ގެއަކާއި، 4 ގުދަނެއްވަނީ އަނދާފައެވެ. އަދި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހެއްގެ ފުރާނަވެސް ވަނީ ގެއްލިފައެވެ.