ދުނިޔެ

ނިއުކްލިޔަރ ސިނާއަތް ފުނޑުފުނޑު ކޮށްލުމަށް ފުރުސަތު ނުދޭނަން


އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމުގެ ނަމުގައި އީރާނުގެ ނިއުކްލިޔަރ ސިނާއަތާއި ޓެކްނޮލޮޖީއާއި ރީސާޗް ފުނޑުފުނޑު ކޮށްލުމުގެ ފުރްސަތު އެމެރިކާއަށް ނުދޭނެ ކަމަށް އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވިދާޅުވެއްޖެއެވެ.ޚަމަނާއި އާ ޙަވާލާދީ އީރާނުގެ ރަސްމީ ޓީވީ ބުނީ އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމުގެ ވާހަކަތައް ޖެނީވާގައި ކުރިޔަށްގެންދާއިރު އެވާހަކަތަކުގައި ބައިވެރިވާ އީރާނުގެ މަސްއޫލުވެރިން އެމެރިކާގެ މިފަދަ ނުބައިރޭވުންތަކުގެ ހަގީގަތް ދެނެގަންނަންޖެހޭނެ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލުކުރުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނަށް ދާއިމީ އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެނަމަ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލަންޖެހޭނެ ކަމަށްވެސް ހަމަނާއި ވިދާޅުވެފައިވެއެވެ.މީގެ އިތުރުން މިފަދަ އެއްބަސްވުމެއް ވުޖޫދަށް އައިނަމަވެސް އީރާނުގެ ހައްސާސީ ނިއުކްލިޔަރ އެއްވެސް ހަރަކާތެއް ހުއްޓާނުލެވޭނެ ކަމަށާ އަދި އީރާނުގެ އަސްކަރީ އެއްވެސް މަރުކަޒެއް ބަލައި ފާސް ކުރުމުގެ ފުރްސަތުވެސް ނުދެވޭނެ ކަމަށްވެސް ޚަމަނާއި ވިދާޅުވިއެވެ.