ޚަބަރު

އައިލެންޑް ފަޔަރ ޓީމް އޭދަފުށީގައި އިފްތިތާޙްކޮށްފި


އެމްއެންޑީއެފް ނޯތް އޭރިއާ އާއި އޭދަފުށީ ކައުންސިލް އިދާރާ ގުޅިގެން ހިންގި ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމްގައި ތަމްރީނު ހޯދި ފަރާތްތައް ހިމަނައިގެން “އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް” އޭދަފުށީގައި އިފްތިތާހް ކޮށްފިއެވެ.

މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތުދީ އެތަކެތި ބޭނުންކުރާނޭ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ.

މީގެއިތުރުން ފިޒިކަލް ފިޓްނަސް ސެޝަންތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ޖުމްލަ 15 ބައިވެރިން އޭދަފުށިން ބައިވެރިވި މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތްކުރައްވާ ސިފައިންނެވެ.

މިމަހުގެ 20 އިން 26 އަށް އޭދަފުށީގައި ހިންގި މި ޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަގުޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އެރަށުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް އަބްދުﷲ އިބްރާހިމެވެ.