ސިއްހަތު

ޑެންގީ ހުން ފެތުރުން އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ބުނެފި


ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އާދަޔާ ޚިލާފަށް ޑެންގީ ހުން ފެތުރުން އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން އެޗް.ޕީ.އޭގެ ޕްރޮޖެކްޓް އޮފިސަރ އައިޝަތު ހަސަން ވިދާޅުވީ، ޑެންގީ ހުން މިދުވަސްވަރު އެންމެ ގިނައިން ފެންނަމުން ދާ އަތޮޅުތަކުގެ ތެރޭގައި ރ އަތޮޅާއި ށ އަތޮޅު ފާހަގަ ކުރެވޭ ކަމުގައެވެ.މިއަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން 305 މީހުން ރިޕޯޓް ކުރެވިފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.އެގޮތުން އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން 212 މީހުން މި އަހަރު ރިޕޯޓް ކޮށްފައިވާކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ. އަދި މާލެއިން މިއަހަރުގެ މިހާތަނަށް 93 މީހުން ރިޕޯޓް ކޮށްފައިވާކަމަށްވެސް އެޗް.ޕީއެއިން މައުލޫމާތުދެއެވެ.ޑެންގީ ހުން ފެތުރެނީ އީޑީސް މަދިރީގެ ޒަރީއާއިންނެވެ. މިބަލި  ވިއްސާރަ މޫސުމާ ދިމާކޮށް ފެތުރޭ މިންވަރު އިތުރުވެއެވެ.ޑެންގީ ހުން ޖެހެނީ ޑެންގީގެ ޖަރާސީމް ހުރި މަދިރިއެއް ހެފުމުގެ ސަބަބުންނެވެ. މި މަދިރި ހަފަނީ ދުވާލުގެ ވަގުތުތަކުގައި، ހާއްސަކޮށް އިރު އޮއްސޭވަގުތާއި އިރުއަރާ ވަގުތުތަކުގައެވެ.