ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ


ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ޢާންމުކޮށްފައިވާ މިދިޔަ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 41 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެ ގޮތުން އެފަދަ 12 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 9 މައްސަލައާއި ޖިންސީ ހާނީއްކަކުރުމުގެ 5 މައްސަލައެއްވެސް އެ މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ. މިފަދަ މައްސަލަ ތަކުގެ ތެރޭގައި އިހުމާލުވުމުގެ މައްސަލައާއި މާލީ ނުވަތަ އިޤްތިޞާދީ ފުއްދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ މައްސަލަތަކާއި ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައިގެ އިތުރުން ރޭޕްކުރުމުގެ މައްސަލައާއި ބިރުދެއްކުމުގެ ގޮތުންކުރެވޭ ކަންކަމާ ގުޅޭ މައްސަލަ އާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަވެސް ހުށަހަޅާފައިވެއެވެ.

މި މައްސަލަތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 23 މައްސަލަ މިދިޔަ މަހުވަނީ ހުށަހަޅާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 16 މައްސަލަ ހުށަހަޅާފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 7 މައްސަލަ ހުސަހަޅާފައިވެއެވެ.

މީގެއިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާގުޅޭ މައްސަލަތަކެއްވެސް ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.