ޚަބަރު

ޑިޒައިނަށް ބަދަލު ގެނެސް ފުވައްމުލަކު ރިންގްރޯޑުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި


ޑިޒައިނަށް ބަދަލު ގެނެސް ފުވައްމުލަކު ރިންގްރޯޑުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ

އެމްޓީސީސީއިން ކުރިއަށް ގެންދާ މިމަޝްރޫޢު ދަށުން ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ފުވައްމުލުކު ރިންގް ރޯޑުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ، ކުރިން ޕްލޭން ކުރެވިފައި އޮތް ވެއްޔާއި ސިމެންތީގެ ބަދަލުގައި ހިލަ ބޭނުން ކޮށްގެ އަޅައިގެން ކުރިއަށް ގެންދިއުމަށެވެ. މިކަމާއި ގުޅިގެން އެމްޓީސީސީން ބުނެފައިވަނީ، މިބަދަލަކީ ޕްލޭނިންގް މިނިސްޓްރީގެ ލަފާގެ މަތިން ގެނެވުނު ބަދަލެއް ކަމަށާއި، މިފަދަ މަސައްކަތުގައި މީގެ ކުރީން ކުރެވުނު ތަޖުރިބާއަށް ބަލައި މަޝްރޫޢުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެވުނު ބަދަލެއް ކަމުގައެވެ.

ފުވައްމުލަކު ރިންގް ރޯޑް ތަރައްޤީ ކުރުމަށް 32 މިލިއަން ރުފިޔާ ޚަރަދު ވާނެއެވެ. މިމަސައްކަތް އެފަރާތާއި ޙަވާލު ކުރީ 240 ދުވަހުގެ ތެރޭ ނިންމުމަށެވެ. އެމްޓީސީސީން ކުރިއަށް ގެންދާ މިމަސައްކަތުގެ ދަށުން ފުވައްމުލަކު ނައިބުތުއްތު ހިނގުމުގެ 2.7 ކިލޯމީޓަރުގައި ތާރު އަޅައި، ސްޕީޑް ބްރޭކަރު ހަރުކޮށް ލެޑް ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިމަޝްރޫއު ނިމިގެން ދާއިރު، ފެންހިންދާ ނިޒާމެއްވެސް ޤާއިމު ކުރެވިގެން ދާނެއެވެ.

ފުވައްމުލަކުގެ ރިންގްރޯޑުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކުރީ މިއަހަރުގެ މާރިޗު މަހުއެވެ. އެމްޓީސީސީއާއި މިމަސައްކަތް ހަވާލު ކޮށްފައިވަނީ، ކުރީގެ ސަރުކާރުން އެމްއާރުޑީސީ އާއި ޙަވާލު ކޮއްގެން މިމަސައްކަތް ނުފެށި ހުއްޓިފައި ވަނިކޮށެވެ. މީގެ އިތުރުން ފުވައްމުލަކުގެ އެތެރޭގެ މަގުތަށް ވެސް ރަނގަޅު ފެންވަރެއްގައި ހެދުމަށް އެމްޓީސީސީ އާއި ވަނީ ހަވާލު ކޮށްފައެވެ.