ވިޔަފާރި

މިއަހަރުގެ ފަހު ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާނެކަމަށް ލަފާކޮށްފި


މިއަހަރުގެ ފަހު ކުއަރޓަރުގައި އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ނެރޭ ކްއާޓަލީ ބިޒަންސް ސާވޭގައި ބުނެފައިވަނީ މިއަހަރުގެ 3 ވަނަ ކުއަރޓަރާއި އަޅާބަލާއިރު 4 ވަނަ ކުއަރޓަރުގައި އިމާރާތްކުރުމުގެ ދާއިރާގެ ހަރަކާތްތައް އިތުރުވާނޭކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިއީ 17 އިންސައްތައިގެ ކުރިއެރުމެއްކަމަށްވެސް އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި މި މުއްދަތުގައި މި ދާއިރާގެ މުވައްޒަފުންގެ އަދަދުވެސް 42 އިންސައްތަ އިތުރުވާނޭކަމަށް ލަފާކޮށްފައިވެއެވެ. އަދި ޖުމްލަކޮށް ބަލާނަމަ މިއަހަރުގެ 3 ވަނަ ކުއަރޓަރާއި އަޅާބަލާއިރު 4 ވަނަ ކުއަރޓަރުގައި އިމާރާތްކުރުމުގެ ސިނާއަތުގެ ކުންފުނިތަކުގެ ހާލަތު 39 އިންސައްތަ އިތުރުވާނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.

ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ނިމެން ގާތްވެފައިވާތީ ޢިމާރާތްކުރުމުގެ ދާއިރާ 2018ވަނަ އަހަރު ކުރިއަރާފައިވާ މިންވަރަށްވުރެ މިއަހަރު ކުރިއަރާނެ މިންވަރު ދަށްވާނެކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ. އަދި މީގެސަބަބުން މިއަހަރު ޤައުމުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރެވޭ މިންވަރު ދަށްވާނެކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭގެ ކްއާޓަލީ ބިޒަންސް ސާވޭގައި އިމާރާތް ކުރުމުގެ ދާއިރާ އާއި ޓޫރިޒަމް ސެކްޓާއާއި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރި ކުރާ 174 ކުންފުންޏަކަށް ސުވާލު ކަރުދާސް އެމްއެމްއޭއިން ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން 99 ޕަސެންޓް ކުންފުނިން ސާވޭގައި ބައިވެރިވެފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.