ޚަބަރު

ޒިގްޒެގް އޮފީސް ކަޕްގެ ކުޅުން ފަށައިފި


ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފި އެވެ. މި މުބާރާތުގެ މެޗުތައް ފަށާފައިވާ ރޭގަ އެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާރފް ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ރޭ ކުޅެން ތާވަލްކޮށްފައި އޮތީ ހަތަރު މެޗެވެ. ނަމަވެސް އެންމެ ފަހު މެޗް ކުޅެން އޮތް، އަފީފުއްދީން އާއި ކައުންސިލް ބައްދަލުކުރަން އޮތް މެޗު ވިއްސާރަވުމުގެ ސަބަބުން މިއަދު ހަވީރަށް ވަނީ ފަސްކޮށްފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައ ބައްދަލުކުރީ އެސްޓީއޯ އާއި ކޭއާރުއެޗުގެ ޓީމެވެ. މި މެޗުން 2-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޭއާރުއެޗެވެ. ކޭއާރުއެޗަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ އަސްލަމް މުހައްމަދު ދެ ލަނޑު، އަހުމަދު އާދަމް އާއި އަހުމަދު އާދަމް(ޒަރޭ) ވަނީ ކޮންމެ ކުޅުންތެރިއަކު އެއް ގޯލް ޖަހާފައެވެ.

އެސްޓީއޯއިން ޖެހި ދެ ގޯލް އެޓީމް ކާމިޔާބުކޮށްދިނީ އިބުރާހިމް އާސިފް އަދި ހަސަން މުހަންމަދެވެ.

ރޭގައި ކުޅުނު ދެވަނަ މެޗްގައި އެއާޕޯޓް ޓީމު އަތުން ކޭޕީއެލް ވަނީ ފަސޭހަ މޮޅެއް ހޯދާފަ އެވެ. ކޭޕީއެލް 8 ލަނޑު މެޗްގައި ޖެހިއިރު، އެއާޕޯޓް ޓީމްއަށް ލަނޑެއް ޖެހިފައެއްނުވެއެވެ.

އެއާޕޯޓް ޓީމުގެ މުރުތޮލާ ހުސެއިން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފަ އެވެ. ކޭޕީއެލް ޓީމްގެ ސިނާން އިބުރާހިމްގެ ހެޓްރިކް ހެދިއިރު، މެޗްގެ އިތުރު ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ ހަސަން މުހައްމަދު، ހުސެއިން ވާފިރު އަދި އަންވަރު އާދަމެވެ. މިމެޗްގައި ހުސެއިން ވާފިރު ވަނީ ދެ ގޯލް ޖަހާދީފަ އެވެ.

ދިރާގާއި އުރީދޫގެ ބައްދަލްކުރި މެޗް 6 ލަނޑު 2 ލަނޑު ކާމިޔާބުކުރީ ދިރާގެވެ. ފުޓްސަލް ކިންގްގެ ގޮތުގައި މަޝްހޫރުވެފައިވާ އަލީ ހާފިޒްގެ ހުނަރު ފެނިގެން ދިޔަ މި މެޗުގައި އޭނާވަނީ ހެޓްރިކް ހަދާފަ އެވެ. އަދި ހަމަ އެ ޓީމުގެ ސިނާން އިބުރާހިމްވެސް ވަނީ ހެޓްރިކް ހަދާފަ އެވެ.

އުރީދޫ ޓީމްއިން ޖެހި ދެ ގޯލް އެޓީމްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިސްފާން އާއި އަހުމަދު ނައީމެވެ.

މުބާރާތުގައި މިރޭވެސް ހަތަރު މެޗެއް ކުޅޭނެ އެވެ. ފުރަތަމަ ބައްދަލުކުރާނީ ޕޮލިހާއި ފަޔަރ އެވެ. ކަސްޓަމްސް އާއި ޖަލާލުއްދީން ސްކޫލް ބައްދަލުކުރާއިރު ޕަބުލިކް ވޯކްސް އާއި އޭއީސީގެ ޓީމް ބައްދަލުކުރާނެ އެވެ. މިރޭ އެންމެ ފަހު މެޗުގެ ގޮތުގައި ބައްދަލުކުރާނީ އައިބީއެމް އާއި ކޯޓް ޓީމެވެ.