ވިޔަފާރި

ޖަޕާނުގެ އިޤްތިޞާދާބެހޭ ވަޒީރު އިސްތިއުފާދެއްވައިފި


ޖަޕާނުގެ އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު އިސްތިއުފާ ދެއްވައިފިއެވެ.

ޖަޕާނުގެ މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ އިސްޝޫ ސުގަވާރަ އިސްތިއުފާދެއްވާ މިވަނީ އޭނާ މަޤާމާ ޙަވާލުވެވަޑައިގަތްތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްވީތަނާއެވެ. ޖަޕާނުގެ ޓްރޭޑް މިނިސްޓަރ މަޤާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ އެންމެ ފަހުން ބޭއްވި އާއްމު އިންތިޚާބުގައި ކެމްޕެއިންކުރުމުގެ އުސޫލުތަކާ ޚިލާފަށް އަމަލުކުރެއްވިކަމަށް ތުހުމަތުކުރެވުނު މައްސަލަތަކަކާ ގުޅިގެނެވެ، އެގޮތުން އަގުބޮޑު ބައެއް ތަކެތި ހަދިޔާގެ ގޮތުގައި ބެއްސެވި މައްސަލައެއްވެސް ހިމެނެއެވެ. އެގޮތުން ކެއުމަށް ބޭނުންކުރާ އަގުބޮޑު ކަކުންޏާއި މެލަންތަކެއް އެކި ފަރާތްތަކަށް ބެހިކަމަށްވެސް ތުހުމަތުކުރެވިފައިވެއެވެ. މީގެ އިތުރުން އޭނާގެ ސަޕޯޓަރެއްގެ ޖަނާޒާއަށް ފައިސާގެ އެހީއެއް ދިން މައްސަލަވެސް މީގެ ތެރޭގައި ހިމެނެއެވެ.

ޖަޕާނާއި ދެކުނު ކޮރެޔާގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތަކުގައި އެންމެ އިސްކޮށް އުޅުއްވާ ޖަޕާނުގެ ޓްރޭޑް މިނިސްޓަރ އިސްތިއުފާދެއްވާފައިވާއިރު، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ އޭނާގެ އިސްތިއުފާ ޤަބޫލުފުޅުކުރައްވާފައެވެ.

ސެޕްޓެމްބަރުމަހު ޖަޕާނުގެ ޓްރޭޑް މިނިސްޓަރުކަމުގެ މަޤާމަށް އައްޔަންކުރެއްވި ސުގަވާރަ އިސްތިއުފާދެއްވާފައިވާއިރު، އެމަޤާމަށް މިހާރު އައްޔަންކޮށްފައިވަނީ އިޤްތިޞާދީ ތަޖުރިބާކާރެއްކަމަށްވާ ހިރޯޝީ ކަޖިޔާމާއެވެ. .