ރާއްޖޭގައި ލެޕްރޮސީ ނުވަތަ ޖުޒާން ބަލި ފެތުރެމުން ނުދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިހެން ވިދާޅުވެފައިމިވަނީ ގދ. ފަރެސްމާތޮޑާގައި ލެޕްރަސީ ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާތީ، ރާއްޖޭގައި އެ ބަލި ފެތުރެމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން ހަޤީޤަތާ ޚިލާފް ވާހަކަތަކެއް ފަތުރަމުންދާތީއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ލެޕްރަސީ މުޅިން އެއްކޮށް ނައްތާލުމަށް ޙާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ ޖޫންމަހު "ޒީރޯ ލެޕްރަސީ" މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ލެޕްރަސީއަށް ސްކްރީންކުރަން ފަށާފައިވާކަން އެޗްޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.
އެޗްޕީއޭއިން ވިދާޅުވީ ގދ. ފަރެސްމާތޮޑާގައި ކުރިއަށްގެންދާ ލެޕްރޮސީ ސްކްރީނިންގްއަކީވެސް މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. އެ އޮތޯރިޓީން ވިދާޅުވީ މި ގޮތަށް ސްކްރީން ކުރުމުގެ ބޭނުމަކީ އާބާދީގައި ބަލި ހުރި މީހަކު ވޭތޯ ދެނެގަނެ ފަރުވާ އަވަހަށް ފެށުންކަމަށެވެ.
ލެޕްރަސީ ނުވަތަ ޖުޒާމު ބައްޔަކީ މިހާރުވެސް ރާއްޖޭގައި މަދުން ނަމަވެސް ފެންނަމުންދާ ބައްޔެކެވެ. އެހެންނަމަވެސް، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ރާއްޖެއިން މި ބަލި މަދުކުރެވިފައިވާކަމަށް އެ ޖަމްޢިއްޔާއިން 1997 ގައި ވަނީ ފާހަގަ ކޮށްފައެވެ. ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މުޅި ރާއްޖެއިން އެވްރެޖުކޮށް ފެނިފައިވަނީ އަހަރަކު 3 -7 އާ ދެމެދުގެ އަދަދެއްގެ ބަލިމީހުންނެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ ލެޕްރަސީގެ 3 ބަލި މީހުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ލެޕްރަސީ އަކީ ބަލި ހުރިކަން ދެނެގަނެ އަވަހަށް ފަރުވާ ފެށި ޤަވައިދުން ބޭސް ބޭނުން ކުރެވިއްޖެނަމަ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެކެވެ. ލެޕްރަސީ ޖެހިފައިވާ މީހަކު ފެނިއްޖެނަމަ، ބަލި ދެނެގަނެވުމާއެކު ކަމާ ބެހޭ ޑޮކްޓަރުންނާއި އެޗްޕީއޭގެ ޚާއްސަ ބެލުމުގެ ދަށުން ފަރުވާ ފެށި، އަދި މުޅިން ރަނގަޅުވަންދެން ބަލިމީހާގެ ހާލަތު ބެލެހެއްޓެމުންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލިމީހާގެ އާއިލާ އަށާއި ގާތް މީހުންނަށް ބަލިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް އޮޅުން ފިލުވައިދިނުމާއެކު ބަލިމީހާ ދިރިއުޅޭ ރަށުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުން ގާތުން މޮނިޓަރ ކުރެވެމުން ދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.