ޚަބަރު

ނާމް ސަމިޓްގައި ރައީސްގެ ފަރާތްޕުޅުން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންފި


ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިއަދާއި މާދަމާ ކުރިއަށްދާ ސަމިޓްގެ އިސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ސަމިޓްގެ ހަވާސާގައި ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް މިނިސްޓަރ ކުރައްވާނެއެވެ. ނާމް ސަމިޓްގެ ހަވާސާގައި މިއަދުވެސް މިނިސްޓަރ ޝާހިދު ވަނީ ބައެއް ޤައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ޤައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ފޮރިން މިނިސްޓަރ ބައިވެރިވެވަޑައިގެންފައިވާއިރު، މި ސަމިޓްގެ ޕްރިޕަރޭޓަރީ މިނިސްޓީރިއަލް މީޓީންގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ ޣަފޫރު ވަނީ ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މެމްބަރު ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުން މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޤައުމުތަކާއި ގުޅިގެން މައްސަލަތަކަށް ހައްލު ހޯދުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު އަޒަރުބައިޖާނަށް ވަޑައިގެންފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި ޖަޕާނަށް ވަޑައިގަތުމަށްފަހުގައެވެ.