ޚަބަރު

ދަގަނޑު ގޭސް ފުޅިތައް ދޫކޮށް މޯލްޑިވް ގޭސް އިން ފައިބަރު ފުޅިތަކާއި ދިމާލަށް


ދަގަނޑު ގޭސް ފުޅިތައް ބޭނުން ކުރުން ހުއްޓާލާ ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ފައިބަރު ފުޅިތަކަށް އެއްކޮށް ބަދަލުކުރަން ނިންމާފައިވާކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ އިކްރާމް ވިދާޅުވީ ދަގަނޑު ފުޅި ގެނައުން އެކުންފުނިން މިހާރު އެއްކޮށް ހުއްޓާލާފައިވާކަމަށާއި ކުންފުނީގެ އަމާޒަކީ ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި އެކުންފުނިން ޚިދުމަތްދިނުމަށް ބޭނުންކުރާ ފުޅިތައް ފައިބަރ ފުޅިއަށް ބަދަލުކުރުންކަމަށެވެ.

އިކްރާމް ވިދާޅުވީ ދަގަނޑު ފުޅި ގެންގުޅުން ހުއްޓާލުމަށް އެކުންފުނިން ނިންމާފައިވަނީ ދަގަނޑު ފުޅީގެ ނުރައްކާ ބޮޑު ވުމުންކަމަށެވެ. އޭނާ ވިދާޅުވީ ފައިބަރ ފުޅިއަކީ ވަރަށް ރައްކާތެރި ފުޅިއެއްކަމަށާއި ދަގަނޑު ފުޅިގޮތަށް މި ފުޅިތައް ނުގޮވާނެ ކަމަށެވެ.

މިހާރު ރާއްޖޭގައި ގެންގުޅޭ ދަގަނޑު ގޭސްފުޅިއަކީ ވަރަށް އަވަހަށް ގޮވާ ޒާތުގެ ފުޅިއެކެވެ. އެހެންނަމަވެސް ފައިބަރު ފުޅިތައް އަލިފާނުގެ ހާދިސާއެއް ހިނގިނަމަވެސް ނުގޮވާނެއެވެ. އޭގެ ބަދަލުގައި އެ ފުޅިތައް ވިރޭނީއެވެ. އެހެންކަމުން، މިއީ ވަރަށް ރައްކާތެރި ފުޅިތަކެއްކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

މޯލްޑިވް ގޭހުން މިހާރު ވެސް ދަނީ ދަގަނޑު ފުޅިއާއެކު ލުއި ފައިބަރު ފުޅިތައްވެސް ބޭނުންކުރަމުންނެވެ.