ވިޔަފާރި

ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއަރ، "ޖަޕާން ޓޫރިޒަމް އެކްސްޕޯ" ގައި އެމްއެމްޕީއާރްސީއިން ބައިވެރިވެއްޖެއެވެ.

މި ފެއަރ ކުރިއަށްދާނީ މިމަހުގެ 24 އިން 27 ގެ ނިޔަލަށް ޖަޕާނުގެ އޮސާކާގައެވެ. މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 4 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ. އެމްއެމްޕީއާރްސީއިން ބުނީ މި ފެއަރގެ ތެރެއިން މި ކުންފުނިތަކުގެ ބޭފުޅުން ޖަޕާނުގެ ޓްރެވަލް މާކެޓްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރިކަން ޖަޕާން މާކެޓުގައި އިޝްތިހާރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

"ޖަޕާން ޓޫރިޒަމް އެކްސްޕޯ" ގެ ތެރެއިން ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ދިވެހިންގެ ކެއުމުގައި ހިމެނޭ ބައެއް ބާވަތްތަކުގެ ރަހަ ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އެމްއެމްޕީއާރްސީއިން ބުނެއެވެ.

މި ފެއަރގެ އިތުރުން ވެސް ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީއިން ދަނީ ރޯޑް ޝޯވ އެއް ބޭއްވުމުގެ ތައްޔާރީތައްވެސް ވަމުންނެވެ. މި ރޯޑް ޝޯވ ކުރިއަށްދާނީ މިމަހުގެ 28 އިން 31 ގެ ނިޔަލަށް ޖަޕާނުގެ ނަގޯޔާ، ޓޯކިޔޯ، ފުކުއޯކާ އަދި އޮސާކާގައެވެ. މި ރޯޑްޝޯވްގައި އެމްއެމްޕީއާރްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 7 ކުންފުންޏަކުން ބައިވެރިވާނެއެވެ. މީގެ އިތުރުން ޖަޕާނުގެ މަތީ ފަންތީގެ ޓްރެވެލް އޭޖެންޓުންވެސް ބައިވެރިވާނެއެވެ.

މިއީ ސިންގަޕޯރ އެއަރލައިންއާއެކު ޖޮއިންޓް ޕްރޮމޯޝަންއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަންއެއްކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. ޖަޕާނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. އަދި މިހާރު ޖަޕާނަކީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމުވެސްމެއެވެ.

މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ޖަޕާނުން ރާއްޖެއަށް 30،049 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 13.2 އިންސައްތައިގެ ކުރިއެރުމެކެވެ.