ތިމާވެށި

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަދުވެގެން 20 އިންސައްތަ ހިމާޔަތްކުރުމަކީ އަމާޒެއް - އެންވަޔަރަމަންޓް މިނިސްޓަރ


ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މަދުވެގެން 20 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ސަރަހައްދަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރައްވާފައިވަނީ މިމަހުގެ 23 އިން 24 އަށް ނޯރވޭގެ ވެރިރަށް އޯޒްލޯގައި ކުރިއަށްދިޔަ "އަވަރ އޯޝަން ކޮންފަރެންސް"ގެ 6 ވަނަ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްވި ތަޤްރީރުގައި ކަނޑުފަޅުގެ ދިރުންތަކާއި އިންސާނީ ދަރިފަސްކޮޅާއި ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ގުދުރަތީގޮތުން އެންމެ މުއްސަނދި، އަދި އެންމެ އަގުހުރި ވަސީލަތްތައް ޤާއިމުވެފައިވަނީ ދުނިޔޭގެ ކަނޑުތަކުގައިކަން ފާހަގަކުރައްވާ، ކަނޑުތަކަށް ކުރާ ކޮންމެ ނޭދެވޭ އަސަރަކީވެސް އިންސާނުންގެ ދިރިހުރުމާއި ގުޅިފައިވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަނޑުފަޅުގެ ދިރުންތައް ހިމާޔަތް ކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމާއި، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމަކީ މިސާލަކަށް ނެގުން މުހިއްމުކަމެއްކަމަށެވެ. އަދި މަހުގެ ސްޓޮކް އިތުރުކޮށް، ކަނޑުފަޅުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މަދުވެގެން 20 އިންސައްތަ ހިމާޔަތްކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކާގުޅޭ ޙާއްސަ ސްޕޭޝަލް ޕްލޭނެއް ހަދައި، ކަނޑުފަޅުގެ ދިރުންތައް ދެހެމެއްޓެނިވިގޮތެއްގައި ރައްކާތެރިކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ބައިނަލްއަޤްވާމީ ނެޓްވޯކެއްކަމަށްވާ "ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަން"އާއި ގުޅިގެން ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"އަވަރ އޯޝަން ކޮންފަރެންސް"އަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބާރުއަޅައި، ދުނިޔޭގެ ކަނޑުތަކުން ނަފާ ލިބޭނެ ގޮތްތައް ހޯދާ ބެލުމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުފަޅަށް ކުރާ ނޭދެވޭ އަސަރު ދެނެގަތުމަށް ބާއްވާ ކޮންފަރެންސެކެވެ. އެގޮތުން މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި، ކަނޑުފަޅުގެ ދިރުންތައް ނެތިދިއުމާއި، ދެމެހެއްޓެނިވިގޮތެއްގައި އެތަކެތި އާލާކުރުމުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.