ތަޢުލީމު

އޯޓިސްޓިކް ކުއްޖަކަށް އިޙާނެތިކޮށް ހިތި ޓީޗަރާމެދު ވަނީ ފިޔަވަޅު އަޅާފައި - އެޑިއުކޭޝަން މިނިސްޓަރ


އޯޓިސްޓިކް ކުއްޖަކަށް އިޙާނެތިކޮށް ހިތި ޓީޗަރާމެދު ފިޔަވަޅު އަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ވ. ފުލިދޫގައި ހުންނަ ވ. އަތޮޅުގެ ސްކޫލްގެ ޓީޗަރަކު، އެ ސްކޫލުގައި ކިޔަވަމުންދިޔަ އޯޓިސްޓިކް ކުއްޖަކަށް އިހާނެތިކޮށް ހިތާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާގުޅިގެން، އެޑިއުކޭޝަން މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޑަކުދިންނާމެދު އިހާނެތިކޮށް ހިތުމާއި، ހާނިއްކަކުރުމަކީ ޤާނޫނީ ބޮޑު ކުށެއްކަމަށާއި، އެފަދަ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫންކަމަށެވެ.

އޯޓިސްޓިކް ކުއްޖަކަށް ޓީޗަރަކު އިހާނެތިކޮށް ހިތި މައްސަލައިގައި، އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން، އެ ޓީޗަރާމެދު ވަގުތުން ފިޔަވަޅު އަޅާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެ ޓީޗަރާމެދު އަޅާފައިވަނީ ކޮން ފިޔަވަޅެއްކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއްނުވެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ މުއްސަސާއިން އެންމެ އިސްކަންދޭނެ ކަންތައްތައްކަމަށާއި، އެކަން ކަށަވަރުކުރައްވާނެކަމަށެވެ.

ވ. އަތޮޅުގެ ސްކޫލްގެ ޓީޗަރަކު، އެ ސްކޫލުގައި ކިޔަވަމުންދިޔަ އޯޓިސްޓިކް ކުއްޖަކަށް އިހާނެތިކޮށް ހިތާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ވީޑިއޯ އާއްމުވުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، މިފަދަ ކަންކަން ހުއްޓުވުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.