ކުޅިވަރު

ވިކްޓްރީ އޮތް ޙާލަތާއި މެދު ނުވިސްނަން: ފެސްކޯ


ކުޅުންތެރިން ހަމަނުވެ، މެޗު ނުކުޅެވޭ ޙާލަތުގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބް މެޗަށް ހާޒިރު ވޭތޯ ނުބަލާނެކަމަށް ފ.ނިލަންދޫ ޓީމުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނިލަންދޫގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނީ، އޭނާ ވިސްނާނީ އޭނާގެ ޓީމާއި ދޭތެރޭ ކަމަށާއި، އިދިކޮޅުން ކުޅޭ ވިކްޓްރީގެ ޙާލަތާއި މެދު އޭނާ ނުވިސްނާކަމަށެވެ.

ފެސްކޯ ބުނީ، އޭނާގެ ޒިންމާއަކީ ނިލަންދޫ ޓީމު މެޗަށް ތައްޔާރުކޮށް، ކުޅުންތެރިން ހަމަކުރުންކަމަށެވެ. ނިލަންދޫ ޓީމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފެސްކޯ ބުނީ، މެޗަށް ކުޅުންތެރިން ހަމަކުރުމަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް މިހާރު ކުރިމަތިވާކަމަށާއި، މިކަމުގައި ދެ ސަބަބެއް ހިމެނޭކަމަށެވެ. އެގޮތުން ބައެއް ކުޅުންތެރިން ވަޒިފާ އަދާކުރަމުން އަންނަ އޮފީހުން އެ ކުޅުންތެރިން ދޫ ނުކުރުމުގެ މައްސަލަކަމަށެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ކުޅޭ މެޗުތަކަށް ފަހު 47 ދުވަހަށް ލީގުގެ ކުޅުން މެދު ކަނޑާލާނެއެވެ. އެއީ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ޕިލިޕީންސްއާއި ގުއާމްއާއި ދެކޮޅަށް މާލޭގައި ޤައުމީ ފުޓްބޯޅަ ޓީމު ކުޅޭ ދެ މެޗަށް ވަގުތު ދިނުމުގެ ގޮތުންނާއި ޑިސެމްބަރ މަހު 1 އިން 10 އަށް ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ވަގުތު ދިނުމަށެވެ.

47 ދުވަހުގެ ބޮޑު ބްރޭކެއް އަންނައިރު، މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނިލަންދޫ ޓީމުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނީ، ކޯޗިން ދާއިރާގައި މިހާތަނަށް ހޭދަވި 25 އަހަރުގެ ތެރޭގައި މިވަރަށް ބްރޭކްތައް އަންނަ ސީޒަނެއް ނުދެކޭކަމަށާއި، މިވަރަށް ބްރޭކްތައް އަންނައިރު ޓީމު އެއް ފެންވަރެއްގައި ބާއްވަން ކޮންމެ ކޯޗަކަށްވެސް އުނދަގޫ ވާނެކަމަށެވެ.

"އަޅުގަނޑު ނުވިސްނަން އިދިކޮޅުން ކުޅޭ ވިކްޓްރީއާއި މެދުއެއް. އެޓީމުގެ މީހުން ހަމަވާނެތޯ ބެލުން އެއީ އަޅުގަނޑުގެ ވާޖިބެއް ނޫން. އަޅުގަނޑު ބަލާނީ މަގޭ ޓީމު ހަމަކޮށް މެޗު ކުޅެވޭތޯ. މީގަ ދެން މިހާރު ކުޅުންތެރިން ހަމަކުރުމުގައި ދަތިތަކެއް އެބަހުރި ކޮންމެވެސް ވަރަކަށް. އަނެއްކާ މި މެޗަށްފަހު 45 ދުވަހަށް ވުރެ ގިނަ ދުވަހުގެ ބްރޭކެއް މި އަންނަނީ. މި ބްރޭކްގައި ޓީމުގެ ޕްރެކްޓިސްތައް ގެންގޮސް އެއް ފެންވަރެއްގައި ބާއްވަން އުނދަގޫތަކެއް ހުންނާނެ". ފެސްކޯ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިލަންދޫ މިހާތަނަށް 11 މެޗު ކުޅެގެން އެޓީމަށް ލިބުނު 7 ޕޮއިންޓާއެކު އޮތީ ތާވަލްގެ 8 ވަނައިގައެެވެ. ވިކްޓްރީ އޮތީ 11 މެޗުން އެންމެ ޕޮއިންޓެއްވެސް ނުލިބި ތާވަލްގެ ފުލުގައެވެ.