ދީން

ކީރިތި ޤުރުއާނަކީ އަގުބޮޑު ހަޒާނާނެއް- މައުމޫން


އިންސާނުންގެ އަތުގައިވާ އެންމެ އަގުބޮޑު ހަޒާނާއަކީ ކީރިތި ޤުރުއާން ކަމަށާއި، އެފޮތަކީ އެހެން ފޮތްތަކާއި ހިލާފަށް އެތައްގިނަ ކަންތައްތަކެއް އެކުލެވިގެންވާ ފޮތެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ރަމަޟާން މަހުގެ ރޭތަށް އިހުޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރަކު ހިންގާ ޕްރޮގްރާމު މިއަހަރު ފެށުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ފުރަތަމަ ޕުރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޤުރުއާނުގައިވާ އިބާރާތްތަކާއި، މާނަ އަދި އޭގައި ހިމެނިފައިވާ ހުކުމްތަކުގެ ފުރިހަމަކަމުން އެފޮތަކީ ހަޒާނާއެއް ކަމަށެވެ.ކީރިތި ޤުރުއާނުގައި އެހާ ގިނަ ސޫރަތްތަކާއި އާޔަތްތައް އޮތްއިރު އެއްއާޔަތް އަނެއް އާޔަތާއި ފުށުއެރުމެއް ނެތި އޮތުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.ކީރިތި ޤުރުއާނަކީ ސައިންޓިފިކް ފޮތެއް ނޫންކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ އިންސާނާގެ ހޯދުން ތަކުން ދެނެގަނެވޭ ބައެއް އިލްމީ ނުވަތަ ސައިންޓިފިކް ހަޤީޤަތްތައް ޤުރުއާނުގައި މާކުރިންވެސް އައިސްފައިވާ ކަމަށެވެ.މީގެ ސާދަސަތޭކަ އަހަރު ކުރިން ބާއްވާލެއްވި ފޮތުގައި އިންސާނުންނަށް ބޭނުންވާ ހިދާޔަތާއި ދުނިޔޭގައި ކަންތައް ކުރަންވީ ގޮތުގެ އިލާހީ އިރުޝާދާއި ހުކުމްތައް ތިންބަޔަކަށް ބަހާލެވިދާނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.ކީރިތި ޤުރުއާނާއި އެހެންފޮތްތަކާއި ހުރި ތަފާތު ތަކުގެ ތެރޭގައި ޤުރުއާން ހިތުދަސްކޮށްފައިވާ މީހުންގެ އަދަދު ގިނަކަމާއި އެހެންފޮތް ތަކާއި ހިލާފަށް ޤުރުއާން ކިޔެވި ވަރަކަށް އިތުރަށް ކިޔަވާހިތްވުމާއި، އަޑުއަހާ މީހަކު އިތުރަށް އަޑުއަހާހިތްވުމަކީ ފާހަނގަކުރެވޭ ކަންކަން ކަމަށެވެ. އަދި ޤުރުއާނުގައިވާ އަޖައިބު ކުރުވަނިވި ކަމަކަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ އެފޮތުގައިވާ އަދަދު ތަކަކީ އިންސާނަކަށް ސިކުނޑިން ވިސްނޭވަރަށްވުރެއް އަޖައިބު ކުރުވަނިވި ކަންކަން ކަމަށެވެ.