ދީން

ބުނެވުނު އެންމެ ބަހަކުން ލަޝްކަރުގެ ކޮމާންޑަރުކަން ގެއްލިވަޑައިގަތުން


މުސްލިމުންނަށް އިންތިހާއަށް އަނިޔާވެރިވި މައްކާގެ ކާފަރުންގެ މައްޗަށް މުސްލިމުންނަށް ލިބުނު އެންމެ މަތިވެރި އެއް ނަޞްރަކީ ހަނގުރާމައަކާއި ނުލައި ޙުރުމަތްތެރިވެގެންވާ މައްކާއާއި ކީރިތި ﷲ ގެ ގެފުޅު މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނު ދުވަހެވެ.

އެހެނަސް ލިބިފައިވާ ވަރުގަދަ ބާރާއި އެކުގައިވެސް މާތް ނަބިއްޔާ صلى الله عليه وسلم އިސްކުރެއްވީ އޯގާތެރި ކަމާއި މަޑުމަތިރިކަމާއި ހިތްތިރިކަމެވެ. މުސްލިމުންގެ ތެރެއިން ބައެއް ބޭކަލުންގެ ހިތްޕުޅުގައި ލެވިފައިހުރި ލަކުނުތަކުގެ ސަބަބުން ހަރު ބަހެއް ބުނެވުނު ނަމަވެސް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަން އިސްލާޙު ކޮށްދެއްވާފައެވެ.

އެގޮތުން މައްކާ ފަތަޙަ ކުރެވުނު ދުވަހު މައްކާގެ ވެރިޔާ އަބޫ ޞުފްޔާން މުސްލިމުންގެ ތެރޭގައި ހައްޔަރުވުމުން އަބޫ ޞުފްޔާނަށްވެސް އިހާނެތި ބަހެއް އެމާތްނަބިއްޔާ ޙަދީސްފުޅު ކުރައްވާފައެއް ނުވެއެވެ. މީގެ ނަތީޖާއަކީ މުސްލިމުންނަށް އެހާ ގެއްލުންދިން ފަރާތަކާމެދުވެސް ބަދަލު ހިތްޕެވުމުގެ އެއްވެސް ރޫޙެއްނެތި މާތް ނަބިއްޔާ صلى الله عليه وسلم ބެހެއްޓެވި އޯގާތެރިކަމާ ހިތްތިރިކަމާއި މަޑުމޮޅިކަމުގެ އަސަރު ޚުދު އަބޫ ސުފްޔާނަށްވެސް ކޮށް، އޭނާވެސް އިސްލާމްވުމެވެ.

އަބޫސުފްޔާން އިސްލާމްވުމުން ކީރިތި ރަސޫލާ صلى الله عليه وسلمގެ އަމުރުފުޅަށް ޢައްބާސްގެފާނު ވަޑައިގެން މައްކާގެ ވެރިޔާ އަބޫސުފްޔާނާއެކު އެވާދީގެ އެއްފަރާތުގައިވާ ފަރުބަދައަކަށް އަރާވަޑައިގެން އެވާދީގެ ތެރެއިން ބައި ބަޔަށް ދަތުރު ކުރަމުން ގެންދިޔަ އިސްލާމީ ބިޔަ ލަޝްކަރު ބައްލަވާލެއްވިއެވެ. މިބިޔަ ލަޝްކަރުގެ ކޮންމެ ބައެއްވެސް ދަނީ އެބަޔަކަށް ޚާއްޞަކުރެވިފައިވާ ދިދައެއް ހިފައިގެންނެވެ. އަދި މި ލަޝްކަރުގެ ކޮންމެ ޤަބީލާއެއްގެ ބަޔަކުވެސް މާތް ނަބިއްޔާ صلى الله عليه وسلمގެ ބޮޑުބޭބޭފުޅު ޢައްބާސް ގެފާނާއި އަބޫޞުފްޔާނާއި ދެބޭކަލުން ތިއްބެވި ހިސާބަށް އަރާ ހަމަވުމުން ޢައްބާސްގެފާނު އަބޫސުފްޔާނަށް އެއީ ކޮން ޤަބީލާއެއްގެ ބައެއްކަން ވިދާޅުވެދެއްވައެވެ.

މިގޮތަށް ވާދީގެ ތެރެއިން ދަތުރުކުރަމުން ގެންދިޔަ ބިޔަ ލަޝްކަރުގެ ތެރެއިން އެފަދަ ދެވަނަ އެއް ނުވާފަދަ ވަރުގަދަ ހަނގުރާމަވެރި ފައުޖެއް ފެނިއްޖެއެވެ. އެއީ ކޮންބައެއްތޯ އަބޫސުފްޔާން ސުވާލުކުރެއްވުމުން ޢައްބާސްގެފާނު ވިދާޅުވީ އެއީ އަންޞާރިއްޔަ ބޭކަލުންގެ ފައުޖެއްކަމުގައެވެ. މިފައުޖުގެ ދިދަ ހިއްޕަވައިގެން ހުންނެވި ލަޝްކަރުގެ ކޮމާންޑަރަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބާއެއް ކަމަށްވާ ސަޢުދު ބިން ޢުބާދާ ރަޟިޔަﷲ ޢަންހްއެވެ. އެހިނދު ސަޢުދު ބުން ޢުބާދާ އެބޭކަލުންނާއި ހަމަކުރެއްވުމަށްފަހު ވިދާޅުވި. “މިއަދަކީ ފައިޞަލާގެ ދުވަހެވެ. ކަޢުބާ މިނިވަންވާ ދުވަހެވެ.” އެހިނދު އަބޫސުފްޔާން ޢައްބާސް ގެފާނަށް ވިދާޅުވިއެވެ. “އޭ ޢައްބާސްގެފާނެވެ. މިއަދަކީ ޙުރުމަތްތެރި ދުވަހެކެވެ. އަދި އަޙްދަށް ވަފާތެރިވެވޭ ދުވަހެކެވެ.”

އޭގެފަހުގައި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޚާއްޞަވެގެންވާ ލަޝްކަރުގައި އެކަލޭގެފާނުވެސް އެހިސާބަށް ވަޑައިގެންފިއެވެ. މިއީ ދަގަނޑު ދަހަނާ އަޅުއްވައިގެން ފެހިކުލައިގެ ހެދުމުގައި ތިއްބެވި ބޭކަލުންގެ ލަޝްކަރެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މުހާޖިރިއްޔަ ބޭކަލުންގެ މި ލަޝްކަރުގެ ދިދަ ހިއްޕަވައިގެން ހުންނެވި ކޮމާންޑަރަކީ ޒުބައިރުގެފާނެވެ. އެވަގުތު ކީރިތި ރަސޫލާ صلى الله عليه وسلم އެހިސާބަށް ވަޑައިގަތުމުން ސަޢުދު ބުން ޢުބާދާ ވިދާޅުވި ބަސްފުޅު “މިއަދަކީ ފައިޞަލާގެ ދުވަހެވެ. ކަޢުބާ މިނިވަންވާ ދުވަހެވެ.” އަބޫސުފްޔާން ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި. “ސަޢުދުގެފާނު އެވިދާޅުވީ އެހެނަކުން ނޫނެވެ. މިއަދަކީ ކަޢުބާއަށް މާތްކޮށް ހިތޭނޭ ދުވަހެވެ.”

މިފަދައިން ޙަދީސް ކުރައްވައި ސަޢުދުގެފާނުގެ އެ ބަސްފުޅު އިސްލާޙު ކޮށްދެއްވި ނަމަވެސް ސަޢުދުގެފާނަށް ފިޔަވަޅު އެޅުއްވިއެވެ.. އެގޮތުން ސަޢުދުގެފާނުގެ ކޮމާންޑަރު ކަމުގެ ދަށުގައިވާ ލަޝްކަރުގެ ކޮމާންޑަރުކަމުން އެކަލޭގެފާނު ވަކި ކުރައްވައި ލަޝްކަރުގެ ދިދަކޮޅު އެކަލޭގެފާނުގެ އަތްޕުޅުން އަތުލެއްވިއެވެ. އަދި ސަޢުދުގެފާނުގެ އަތްޕުޅުން އަތުލެއްވި ދިދަކޮޅާއި އެކު އެ ލަޝްކަރުގެ ކޮމާންޑަރުކަން ދެން ދެއްވީ ސަޢުދުގެފާނުގެ ދަރިކަލުން ޤައިސަށެވެ.

މި ޙާދިސާއިން އެކަނިވެސް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلمގެ ހިކުމަތްތެރިކަން ވަރަށް ރަނގަޅަށް ހާމަވެެވެ. އެގޮތުން ހަނގުރާމަވެރި ލަޝްކަރުގެ ކޮމާންޑަރު ކަމަކީ އިސްކޮށް ތިއްބެވި ހުރިހާ ޞަޙާބާއިންވެސް އެކަމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަކަށް ވީހިނދު ސަޢުދުގެފާނުގެ ކިބައިން އަތުލެއްވުނު މަޤާމު އެހެން ބޭކަލަކަށް ދެއްވިނަމަ އޭގެ ސަބަބުން ސަޢުދުގެފާނުގެ ހިތްޕުޅު ނުތަނަވަސްވެ ލަޝްކަރުގެ ތެރޭގައި ބައިބައިވުމެއް އުފެދުމުގެ ހަނި ނަމަވެސް ފުރުޞަތެއް އޮތީސްއެވެ. އެހެނަސް ސަޢުދުގެފާނުންގެ ކިބައިން އަތުލެއްވުނު މަޤާމު އެކަލޭގެފާނުގެ ދަރިކަލުން ޤައިސަށް ދެއްވުމުން ސަޢުދުގެފާނުގެ ހިތްޕުޅުވެސް އޭގެސަބަބުން ދަތިނުވެ އެކަލޭގެފާނަށްވެސް އެކަމަށް ރުހިވަޑައިގަންނަވަން ފަސޭހަފުޅުވެގެން ދިޔައެވެ.

އަނެއް ކަމަކީ ތިމާއަށް ބާރެއް ލިބޭހިނދު ތިމާގެ ބަސްމަގުވެސް އިސްލާޙު ކުރަންޖެހޭކަން މި ޙާދިސާއިން އެނގެއެވެ. ބާރުގަދަ މަޤާމަކާއި ޒިންމާއަކާ ޙަވާލުވުމުން ޢާއްމު މީހެއްގެ ގޮތުގައި ހުންނައިރު ބޭނުންކޮށްއުޅޭ ބަސްމަގު ބޭނުން ކުރުން އެދެވިގެން ނުވާކަން މިއިން އެނގެއެވެ. އެހެނީ ސަޢުދުގެފާނުގެ މަޤާމް ގެއްލި ވަޑައިގަތީ އެކަލޭގެފާނަށް ވިދާޅުވެވުނު ބަހަކުންނެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ވިސްނުންފުޅު އެކަމުގައި ހުރި ނެތްގޮތް އެނގުނުއެވެ. އަދި އެ ވިސްނުންފުޅު އެކަލޭގެފާނު ގެންގުޅުއްވާނަމަ މާތް ނަބިއްޔާ صلى الله عليه وسلم އެންމެ ބޭނުންފުޅުވި ގޮތަށް ލޭ އޮހޮރުވުމަކާނުލާ މައްކާ ފަތަޙަ ކުރެއްވުމަށް ދަތިފުޅުވެގެން ދިޔުމުގެ ފުރުޞަތުވެސް އޮވެދާނެއެވެ.

އެހެންކަމުން މިކަމުގައި އެމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފިޔަވަޅުފުޅު އަޅުއްވާފައި މިވަނީ ޑިޕްލޮމަސީގެ އިންތިހާއީ ނަމޫނާ މުޅި ދުނިޔެއަށް ދައްކަވަމުންނެވެ. އެކަލޭގެފާނުގެ މިފަދަ ޙިކުމަތްތެރިކަމާ މަޑުމައިތިރިކަމާ އޯގާތެރި ކަމުގެ ސަބަބުން ފަތަޙަ ކުރެއްވީ ހަމައެކަނި މައްކާއެއްނޫނެވެ. މައްކާގެ ހަރުކަށިކަމުގައި އިންތިހާއަށް ގޮސްފައިވާ ކާފަރުންގެ ހަރު ހިލަ ހިތްތައްވެސް މަޑު ފުށްކޮޅަކަށް ބަދަލު ކޮށްލައްވައި އެ ހަރު ހިލަ ހިތްތައްވެސް އެކަލޭގެފާނު އެދުވަހު ފަތަޙަ ކުރެއްވިއެވެ.