ޚަބަރު

ގުޅިފަޅު ބިންހިއްކުމަށް ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް - ފިނޭންސް މިނިސްޓަރ


ގުޅިފަޅު ބިންހިއްކުމަށް ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މާލޭ ކޮމާޝަލް ޕޯޓު ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބިންހިއްކުމާއި ތޮށިލުމަށް 53 މިލިޔަށް އެމެރިކާ ޑޮލަރަށް ބޮސްކާލިސް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢޫލޫމާތުދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މި މަޝްރޫއަކީ ނެދަލޭންޑުގެ އައި.އެން.ޖީ ބޭންކްގެ ފައިނޭންސް ލިބިގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ. އަދި މިމަޝްރޫއަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ފައިދާއެއްކުރާނެ މަސައްކަތެއްކަމުން މިމަޝްރޫޢު އަވަހަށް ނިންމަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އަމީރު ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދިޔުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ އިކޮނޮމިކް ކައުންސިލްގައި ދިރާސާކޮށް އެކަން ބަލާ ބަހުސްކުރުމަށް ފަހުކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ގުޅިފަޅު ބިންހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ނުވަނީ މިހާރު އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާތީކަމަށެވެ. އަދި އެކުންފުންޏަށް މިމަސައްކަތް ކުރެވެން އަންނަނީ އެމަސައްކަތްތައް ނިމުމަށްފަހުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މާލޭގެ ތޮއްޖެހުމާއި ކާރޫބާރޫއަށް ލުއި ހޯދުމަށްޓަކައި ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެމަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވާ 6 މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކުމާއި، 4 ކިލޯ މީޓަރުގެ ތޮއްޓެއް ޤާއިމުކުރުމުގެ މަސައްކަތް ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސޮއިކުރީ މިމަހުގެ 17ވަނަ ދުވަހުގައެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށެވެ.

ބިން ހިއްކުމާއި ކަނޑު ފަޅުގައި ޤާއިމުކުރާ އެކިބާވަތުގެ ޢުމްރާނީ ވަސީލަތުގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި ހިންގާ ބޮސްކާލިސް ކުންފުނިންވަނީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.