ޚަބަރު

ލ. ފޮނަދޫގައި ތިބި ބޯހިޔާވަހިކަން ނެތް ގާދޫގެ ރައްޔިތުންނަށް މިމަހުގެ 27 ގައިބޯހިޔާވަހިކަން ލިބޭނެ


ލ.ފޮނަދޫއަށް ބަދަލުވި އެ އަތޮޅު ގާދޫ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ނުލިބި ތިބި މީހުންނަށް މިމަހުގެ 27ވަނަ ދުވަހު ބޯހިޔާވަހިކަން ލިބޭނެކަމަށް ހައުސިން މިނިސްޓަރ އާމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމި ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާޔިފާ ވިދާލުވީ އެއްރަށުން އަނެއްރަށް މީހުން ބަދަލުކުރުމުގެ ބައެއްކަންހުރީ ވަރަށް ދަށް ފެންވަރެއްގައިކަމަށެވެ. މިގޮތުން ހައުސިން ޔުނިޓްތައް އަޅާފައިވީނަމަވެސް ހުންނަންޖެހޭ ބައެއް ޚިދުމަތްތައް ނެތުމުގެ ސަބަބުން ގެތަކަށް ނުވަދވި ހުރިކަން ފާހަގަކުރެއްވިއެވެ. މިގޮތުން މިނިސްޓަރ ވިދާޅުވީ ފޮނަދޫގައި ހުރި 23 ގޭގައި މިއަދާ ހަމަޔަށް އައިރުވެސް ފެނާ ކަރަންޓާއި، ފާޚނާގެ ޚިދުމަތްތައް ނެތްކަމަށެވެ. އަދި މިހާރު އެ މަސައްކަތް ފަށާފައިވާކަމަށާއި މަސައްކަތް ނިންމާ މިމަހުގެ 27ވަނަ ދުވަހު އެ ގެތަކަށް މީހުން ބަދަލުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ސުނާމީގައި މީހުން ބަދަލުކުރު ރަށްތަކުގެ ތެރެއިން ބައެއް ރަށްތަކުގެ މީހުންގެ ކަންކަން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފަހަގަކުރައްވާފައެވެ. އަދި އަންނަ އަހަރުގެ މެދެއްހާތާ މި ފަރާތްތަކުގެ ރަޖިސްޓްރޭޝަން މަސައްކަތް ނިންމާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގާދޫގައި ތިބި 108 ޢާއިލާއެއް ފޮނަދޫއަށް ބަދަލުކޮށްފައިވަނީ 2016ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހުއެވެ. ފޮނަދޫގައި ގާދޫ ރައްޔިތުންނަށް އަޅައި ދީފައިވަނީ 85 ގެއެވެ.