ކުޅިވަރު

ފިލިޕީންސްއާއި ގުއާމް މެޗަށް ޤައުމީ ފުޓްބޯޅަ ޓީމު މެލޭޝިޔާގައި ކޭމްޕް ކުރަނީ


ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު ކުޅޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު މެލޭޝިޔާގައި ކޭމްޕް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

އަންނަ މަހު 14 ވަނަ ދުވަހު ރާއްޖޭގައި ޕިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗާއި 19 ވަނަ ދުވަހު ގުއާމާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިޔާގައި ކޭމްޕް ކުރުމަށް ފުރާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

މި ކޭމްޕާއި ގުޅޭ ގޮތުން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ، މިމަހުގެ 27 އިން އަންނަ މަހުގެ 9 ގެ ނިޔަލަށް ޤައުމީ ފުޓްބޯޅަ ޓީމު މެލޭޝިޔާގައި ކޭމްޕްކުރާނެކަމަށާއި، އަދި ކޭމްޕްގައި މެޗުތަކެއް ކުޅުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އެންމެ ފަހުން ސީރިޔާއާއި ދެކޮޅަށް ކުޅުނު މެޗުތަށް ތައްޔާރުވުމަށް ޤައުމީ ޓީމު ވަނީ ސައުދީ އަރަބިއްޔާގައިވެސް ކޭމްޕް ކޮށްފައެވެ.

ވަރލްޑް ކަޕް ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގުއާމް އަތުން 0-1 އިންނެވެ. އޭގެ ފަހުން އަމިއްލަ ޤައުމުގައި ޗައިނާ އަތުން 0-5 އިން ބަލިވެފައިވާއިރު، ސީރިޔާއަތުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.